ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑްރައިޒިން ޕްރޮގްރާމެއް ފަށައިފި އެވެ.
އެސްޓީއޯ ގެ ސަބްސިޑަރީ ކުންފުނިތަކާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިއަދު ހުޅުވާލި ފަންޑް ފޮށްޓަށް އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް، މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން މިއީ ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެސްޓީއޯ އާއި އެސްޓީއޯ ގްރޫޕުން ބައިވެރިވުމަށް ފެށި މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ޤައުމީ މަސައްކަތެއްގެ ގޮތުގައި މިގޮތަށް ކުރެވޭ ކަމެއްގައި ވެސް އެސްޓީއޯ ގްރޫޕުން އަބަދުވެސް ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު އެސްޓީއޯ އިން ހުޅުވާލި ފަންޑްރައިޒިން ޕްރޮގްރާމްގައި ބައިވެރިވުމުގެ އެކުންފުނީގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އަދި އެސްޓީއޯގެ މުވައްޒަފުން އެ ފަންޑަށް އިތުރަށް ފައިދާ ހަދިޔާ ކުރަން ބޭނުންނަމަ އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެސްޓީއޯ ގްރޫޕްގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.