މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޔާ މުސްލިމުންނަށް ހަދިޔާ ކުރަން ނިންމައިފި އެވެ.
އެގޮތުން މިއަދު އެމްބީސީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި އެ ކޮމިޝަންގައި ފަންޑެއް ހުޅުވާލާފައިވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި އެ ކޮމިޝަންގެ މުވައްޒަފުންނަށް އެ ފަންޑް ފޮށި މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް ފައިސާ ހަދިޔާ ކުރެވޭނެ އެވެ.
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަނިޔާ ލިބެމުންދާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ދައުލަތާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އިތުރުން އާންމު ފަރާތްތަކުން ވެސް ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ.