މާލެ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގައި ހުޅުމާލެ ފްލެޓު ލިބޭ މީހުންގެ ލިސްޓު ހޯދުމަށް އެދިއްޖެއެވެ.
ހައުސިން މިނިސްޓްރީން ލިބުނު މީހުނާއި ނުލިބޭ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށްބުނެ ލިސްޓު އާންމުނުކޮށް، ފްލެޓު ލިބުނު މީހުންނަށް ލިބުނު އުސޫލުވެސް ބަޔާންކުރަން ދެކޮޅު ހަދަމުންދާ މި ދަނޑިވަޅުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ސޮއި ކުރައްވާ ހައުސިން މިނިސްޓްރީ އަށް ވަނީ ސިޓީ ފޮނުވާފައެވެ.
ޝިފާގެ ސިޓީގައި ކުރިން ވެރިކަން ކުރި ދެ ސަރުކާރުންވެސް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް ހިންގާފައިވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އޭގެ ސަބަބުން ކައުންސިލަށް ލިބޭ ޝަކުވާތައް މަދު ކަމަށާއި ނަމަވެސް މިފަހަރު ކަންތައް ކުރި ގޮތުގެ ސަބަބުން ކައުންސިލަށް އިންތިހާއަށް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަސްލަހަތަށްޓަކައި ފްލެޓު ލިބުނު މީހުންގެ ލިސްޓު ވީހާވެސް އަވަހަށް ކައުންސިލާއި ހަވާލުކޮށްދިނުމަށް ޝިފާ ވަނީ ހައުސިންގައި އެދިވަޑައިގެންފައެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އިއްޔެ ނުސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ ފްލެޓު ދޫކުރުމުގައި އިންސާފުން ނޫން ގޮތަކަށް އެންމެ ފްލެޓެއްވެސް ދޫކޮށްފައިނުވާނެ ކަމަށެވެ.
ނަމަވެސް ފްލެޓަށް އެދުނު އެތައް ފަރާތަކުން ވަނީ އެފަރާތްތަކަށް ލިބުނު ޕޮއިންޓަށްވުރެ މާ މަދުން ލިބުނު މީހުނަށް ފްލެޓު ލިބިފައިވާ ކަމަށްބުނެ ޝަކުވާ ހުށައަޅަމުންނެވެ.