ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެހީ ހޯދާކަށް ބޭނުންނޫން ކަމަށް ވިދާޅުވެއްޖެއެވެ.
މިއަދު ދެ ލީޑަރުން އ.ދ ގެ ބައްދަލުވުމެއްގައި ބައްދަލުވުމަށްފަހު ޓްރަމްޕް ވަނީ ބަންގްލަދޭޝް ކިހިނެއްތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ޝެއިޚް ހަސީނާ ބުނެފައިވަނީ ބަންގްލަދޭޝް ރަނގަޅު ކަމަށެވެ.
ޝެއިޚް ހަސީނާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ބަންގްލަދޭޝްއަށް މިހާރު ކުރިމަތިވެފައިވާ ރެފިއުޖީ ހާލަތާ މެދު ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށެވެ. އަދި ޓްރަމްޕުވަނީ ރެފިއުޖީންނާ މެދު އޭނާ ދެކޭގޮތް އިއުލާންކޮށްފައި ކަމަށާއި އެހުމުގެ ބޭނުމެއް ނެތް ކަމަށް ޝެއިޚް ހަސީނާގެ އިންޓަވިއުގައި ބުނެފައިވެއެވެ.
"އޭނާ ވަނީ ރެފިއުޖީންނާމެދު ދެކޭ ގޮތް ހާމަކޮށްފައި. މިމީހުން(މިޔަންމާ ރެފިއުޖީން) ދިރިއުޅެނީ ނިކަމެތި ހާލުގައި ކަމާއި އެމީހުން އެހީ ބޭނުންވާކަން ވަޒަންނުވާ ނަމަ އެހީ ހޯދުމަށް ނޭދެވޭނެ. ބަންގްލަދޭޝް އަކީ މުއްސަނދި ގައުމެއް ނޫން. އެއީ ތެދެއް. ބަންގްލަދޭޝްއަކީ ބޮޑު އާބާދީއެއް އޮތް ގައުމެއް، 160 މިލިއަން މީހުންގެ އާބާދީ އޮތް ގައުމެއް. އެހެންނަމަވެސް އަހަރުމެންނަށް 160 މިލިއަން މީހުނަށް ކާން ދެވޭނަމަ އިތުރު 5 ނުވަތަ 7 ލައްކަ މީހުނަށް ކާން ދެވޭނެ. ބަންގްލަދޭޝްގެ ރައްޔިތުން މިއަދު ކުރަނީ އެކަން." ޝެއިޚް ހަސީނާ ވިދާޅުވިއެވެ.
ޝެއިޚް ހަސީނާގެ އަސަރުގަދަ މެސެޖު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައެވެ. މިޔަންމާރު ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޖާ ދަރިކޮޅުގެ 5 ލައްކައެއްހާ މީހުން ވަނީ މިހާރުވެސް ބަންގްލަދޭޝްގައި ރެފިއުޖީންގެ ގޮތުގައި ވަޒަންވެރިވެފައެވެ.
އެމެރިކާގެ ރައީސް ކަމާއި ހަވާލުވި ފަހުން ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމުގެ ބޯޑަރު ރެފިއުޖީންނަށް ބަންދުކޮށްފައެވެ. އޭނާ ވަނީ އެގައުމުގައި ހިންގަމުންދިޔަ ރެފިއުޖީ ޕްރޮގްރާމްވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ.