Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޗައިނާގެ އުފެއްދުންތަކަށް ފަލާހް ފާޑުވިދާޅުވެއްޖެ

ޗައިނާގެ އުފެއްދުންތަކަކީ ވަރަށް ދެރަވަރުގެ އެއްޗިހި ގޮތުގައި ސިފަކުރައްވައި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވައިފިއެވެ.

ޕީޕީއެމް އިން ރ. މީދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހުވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އާއި ވާދަކުރަން ދަތިވެގެން އުޅޭ ސަބަބަކީ، އިދިކޮޅުގައި މިހާރު އަޅާފައި ހުރި އިންޖީނަކީ ބާވެގެން ބަދަލުކޮށްފައި ހުރި އިންޖީނަކަށް ވާތީ ކަމަށެވެ.

ބެލެވޭ ގޮތުގައި "ބާ އިންޖީނެއް" ގޮތުގައި ފަލާހު މިސާލު ޖައްސަވާފައި ވަނީ ޕީޕީއެމްގެ ރައީސް މައުމޫނަށެވެ.

"އަޅުގަނޑުމެން ވެސް އެންމެ ފުރަތަމަ އެޅީ ޗައިނާ ކަމިންސް ރިކޮންޑިޝަން އިންޖީނެއް. އެހެން ނަމަވެސް ދުވެލި މަޑުވީމަ، އަޅުގަނޑުމެން ވިސްނީ އިންޖީނު ބަދަލުކުރަން އެ އިންޖީނު އަޅުގަނޑުމެން ވިއްކާލީ އިދިކޮޅަށް."

ފަލާހު ވިދާޅުވި ގޮތުގައި ޕީޕީއެމުން ވިއްކާލި އިންޖީނެއް އަޅައިގެން އިދިކޮޅު ފަރާތްތަކަށް ޕީޕީއެމް އާއި ވާދަ ނުކުރެވޭނެ ކަމަށެވެ.

" ކިރިޔާވެސް އަޅުގަނޑުމެންނާއި އެއްވަރަށް ދުއްވަން ބޭނުންވާ ކަމަށް ވަންޏާމު އެމެރިކާގެ 800 ހޯސްޕަވަރުގެ ކަމިންސް އިންޖީނެއް އަޅުވާށޭ"

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މިހާތަނަށް އައިއިރު ރައީސް ޔާމީން ވަނީ މެނިފެސްޓޯގައި ހުރި ކަންކަމުގެ އިތުރަށް ތިން ގުނަ މަސައްކަތްކޮަށް ނިންމާފައި ކަމަށެވެ. އެކަމަށް ދިވެހި ހުރިހަ ރައްޔިތުން ފަހުރުވެރިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އިދިކޮޅު ޕާޓީތަކުން ރައީސް ޔާމީން ތަރައްގީ ގެންނަވާތީ އެކަމަށް ހަސަދަވެރިވާ ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.