Last Updated: April 19, 22:45
Saturday, April 20, 2024
ދުނިޔެ

ބޯކޮށް ވާރޭ ވެހި މުމްބާއިގެ ސްކޫލްތައް މިއަދު ބަންދު

އިންޑިއާގެ މުމްބާއީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެސިޓީގެ ސްކޫލްތައް ބަންދުކޮށްފި އެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދު މެންދުރު 12:03 އާއި އިރުއޮއްސި 18:04 ގައި ކަނޑު ގަދަވާނެ އެވެ.

ވިއްސާރައިގެ ސަބަބުން މުމްބާއި އެއާޕޯޓްގެ މައި ރަންވޭ ބަންދުކޮށްފައިވާއިރު، 56 ފްލައިޓެއް ވަނީ ޑައިވާޓް ކޮށްފައެވެ.

މީގެ އިތުރުން މުމްބާއި ގައި ކާއެއްޗެހި ޑެލިވަރީ ކުރުމުގެ ޚިދުމަތް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ހެނދުނު 08:30 އިން ފެށިގެން މިއަދު ފަތިހު 05:30 އާއި ހަމައަށް 191.11 މިލިމީޓަރުގެ ވާރޭ ކޮލަބާ ލެބޯޓްރީން ވަނީ ރެކޯޑް ކޮށްފައެވެ. އަދި ސެންޓަކްރުޒް ލެބޯޓްރީން ވަނީ އެ މުއްދަތުގެ ތެރޭގައި 275.7 މިލިމީޓަރުގެ ވާރޭ ރެކޯޑް ކޮށްފައެވެ.

އިއްޔެ ހަވީރު ބޯކޮށް ވާރޭ ވެހެން ފެށީއްސުރެ މިހާތަނަށް މުމްބާއި އެއާޕޯޓްގެ 56 ފްލައިޓެއް ވަނީ ޑައިވާޓް ކޮށްފައެވެ. އަދި ރޭ ގަޑިން 22:00 އަށް ފަހު ޑައިވާޓް ކުރަން ޖެހުނު ފްލައިޓްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މުމްބާއި-ދިއްލީ އާއި ދެމެދު ދަތުރު ކުރާ ފްލައިޓްތަކުގެ ތެރެއިން މަދުވެގެން 13 ފްލައިޓެއް ލަސްވެ، 15 ފްލައިޓެއް ވަނީ ކެންސަލް ވެފައެވެ.

މޫސުމާއި ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ވެސް މުމްބާއި އަށް ވިއްސާރަކޮށް ވާރޭ ވެހޭނެ އެވެ.

މުމްބާއި އެއާޕޯޓްގެ ދެވަނަ ރަންވޭ މިހާރު ބޭނުން ކުރަން ފަށާފައިވާއިރު، ނަގޫރޯޅިއެއް އަރާފާނެކަމުގެ އެއްވެސް އިންޒާރެއް މުމްބާއި އަށް ދީފައި ނުވެއެވެ.