Last Updated: June 29, 13:19
Monday, June 29, 2026
ޚަބަރު

އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަސް ހުޅުވައިފި

އެވިޑް ކޮލެޖުން އަތޮޅުތެރޭގައި ހުޅުވާ އެ ކޮލެޖްގެ އެންމެ ފުރަތަމަ ކެމްޕަސް ގދ. ތިނަދޫ ގައި ހުޅުވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕަސް ހުޅުއްވައިދެއްވުމުގައި ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ރަށު ކައުންސިލްގެ އިތުރުން އެވިޑް ކޮލެޖްގެ ކޯސްތަކުގެ ބައިވެރިންނާއި އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާޤް ރަޝާދު ބައިވެރިވެވަޑައިގެންނެވި އެވެ.

ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގދ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެ ކެމްޕަސް އަކީ މުޅި ހުވަދު އަތޮޅަށް ކިޔެވުމަށް ހުޅުވިގެން ދިޔަ ރަނުގެ ފުރުސަތެއް ކަމަށެވެ. ކައުންސިލްގެ ރައީސް ވަނީ އެކަމަށްޓަކައި އެވިޑް ކޮލެޖްގެ މެނޭޖްމެންޓަށް ޝުކުރު ދަންނަވާފަ އެވެ.

މީގެ އިތުރުން އެވިޑް ކޮލެޖްގެ ޗެއާމަން މުސްތާޤް ވިދާޅުވި ގޮތުގައި އެ ކޮލެޖްގެ ތިނަދޫ ކެމްޕަސް ހުޅުވުމުގައި ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ރަށު ކައުންސިލްގެ އިތުރުން ޒުވާނުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައެވެ.

އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި މިހާރު މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް ފަށާފައިވާއިރު، އެ ކޮލެޖްގައި ޑިޕްލޮމާ ލެވެލް އިން ފެށިގެން ބިޒްނަސް މެނޭޖްމެންޓްގެ ޕްރޮގްރާމްތަކާއި، ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ކޯސްތައް ވެސް ކުރިއަށް ގެންދާނެ އެވެ.

އެ ކެމްޕަސްގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު 7516080 ފޯން ނަންބަރާއި ގުޅާލެއްވުމުން ސާފުކުރެއްވޭނެ އެވެ.