ސ. ގަމުގެ ވައިގެ ބަނދަރު ތަރައްގީ ކުރުމަށް ޝޯޓްލިސްޓްކޮށްފައިވާ ޔޫކޭގެ ލަގާން އާ ގުޅޭ ގޮތުން ނިންމަން ޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ (ޝާޑް) ވިދާޅުވީ ލަގާންގެ ޕްރޮޕޯސަލްއާ ގުޅޭ ކަންތައްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
ޝާޑް ވިދާޅުވީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުގެ ދަށުން ގަން އެއާޕޯޓް ތަރައްގީ ކުރަން ލަގާން އަށް އިނގިރޭސި ބޭންކަކުން ލޯނު ވެސް ދިނުމަށް މިހާރު އެއްބަސްވެފައިވާ ކަމަށެވެ. މިދިޔަ މަހުގެ ތެރޭގައި އޭއައިއޭގެ ޓީމެއް ވަނީ ޔޫކޭ އަށް ގޮސް ލަގާން އާއި އެ ކުންފުންޏަށް ލޯނު ދޭ ބޭންކްގެ އޮފިޝަލަނުންނާ އެކު މަޝްވަރާ ވެސް ކޮށްފަ އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބިން ހިއްކައިގެން ރަންވޭ ދިގު ކުރުމާއި ރަންވޭ ރިސާފޭސް ކުރުމުގެ އިތުރުން ސީ ޕްލޭން ބޭސްއެއް ހެދުމެވެ.
ގަން އެއާޕޯޓް ތަރައްގީކޮށް ހިންގުމުގައި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޗަމްޕާ ހުސައިން އަފީފުގެ ހިއްސާ އޮންނަ ކާސާ ހޮލްޑިން އިން ވެސް ބައިވެރިވާނެ އެވެ. އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް 60 މިލިއަން ޑޮލަރަށް މިދިޔަ އަހަރު ވަނީ ވިއްކާލާފަ އެވެ.