ކާކުކަން އެނގިފައިނުވާ "މޭޑް ޕޫޕަރ" ގެ ނަމުން މަޝްހޫރުވެފައިވާ އަންހެނަކު ހޯދުމުގެ މަސައްކަތް އެމެރިކާގެ ކޮލޮރޭޑޯގެ ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނާ ގޮތުގައި އެ އަންހެން މީހާ ދަނީ ދުވަންދާ މަގުމަތީގައި އާއިލާއެއް ދިރިއުޅޭ ގެއެއްގެ މަގުމައްޗަށް ބޮޑުކަމުދަމުންނެވެ.
އެ ގޭގެ އަންހެން މީހާ ކަމަށްވާ ކޭތީ ބަޑީ ބުނާ ގޮތުގައި ފާއިތުވި ހަފްތާތަކުގެ ތެރޭގައި ދުވަންދާ އަންހެން މީހާ ވަނީ އޭނާގެ ގޭ ކުރިމައްޗަށް މަދުވެގެން ހަތް ފަހަރު ބޮޑުކަމުގޮސްފައި ކަމަށެވެ.
ކޭތީ ބުނި ގޮތުގައި އޭނާގެ ކުދިންނަށް ވަނީ ދުވަންދާ އަންހެން މީހާ އެ ގޭ ކުރިމައްޗަށް ބޮޑުކަމުދާތަން ފެނިފައެވެ.
ކޮލޮރޭޑޯ ފުލުހުން ބުނާ ގޮތުގައި އެއީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް ކަމަށެވެ.
ލިއުޓެނެންޓް ހޮވާޑް ބްލެކް ބުނާ ގޮތުގައި ބޮޑުކަމުދާ އަންހެން މީހާ ފެނުމުން އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ. އެއީ އާންމު ތަންތަނުގައި ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމަކީ އެ ސިޓީގެ ޤާނޫނުން މަނާ ކުރާ ކަމަކަށް ވާތީ އެވެ.
އޭނާ ބުނި ގޮތުގައި ފުލުހުންގެ ޚިދުމަތުގައި އޭނާ މަސައްކަތް ކުރި 35 އަހަރު ތެރޭގައި މިފަދަ މައްސަލައަކާއި ދުވަހަކުވެސް ކުރިމަތިވެފައި ނުވާ ކަމަށެވެ.
މަގުމައްޗަށް ބޮޑުކަމުދާ މީހާ އަކީ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެއްކަން ނުވަތަ ނޫންކަން އަދި ބުނަން ނޭނގޭ ކަމަށްވެސް އޭނާ ބުނެއެވެ.
ކޭތީ ބުނާ ގޮތުގައި އޭނާ ވަނީ ޚުދު އެކަމާއި ބެހޭގޮތުން އަންހެން މީހާ އާއި ވާހަކަ ދައްކާފައެވެ. އެއް ފަހަރު ބޮޑުކަމުދަނިކޮށް ފެނުމުން އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން، އެ އަންހެން މީހާ ވަނީ އެކަމަށް މަޢާފަށް އެދިފައެވެ. އެއަށްފަހު އޭނާ އެގޮތަށް ކަންތައް ނުކުރާނެ ކަމަށް ހީކޮށްގެން ހުއްޓާ އަނެއްކާވެސް އޭނާ ވަނީ ހަމަ އެތަނަށް ބޮޑުކަމުގޮސްފައި ކަމަށް ކޭތީ ބުނެއެވެ.
އެގޮތަށް ކަންތައް ނުކުރުމަށް ތަކުރާރުކޮށް އޭނާ ގާތު ބުނިނަމަވެސް، އެ އަންހެން މީހާ ކޭތީގެ އިންޒާރުތަކަށް ސަމާލުކަން ނުދޭ ކަމަށް ވެސް ކޭތީ ބުނެއެވެ.