Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރިލްވާނު ގެއްލުވާލި ކަމަށް ބެލެވޭ ސުއެއިދު ވަނީ މަރުވެފައި: އާއިލާ

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާން: .

މޯލްޑިވްސް އިންޑެޕެންޑެންޓުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ސުއެއިދު ވަނީ މަރުވެފައި ކަމަށް އާއިލާއާ ހަވާލާދީ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެއްޖެއެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ތިން މީހަކާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވެއެވެ. ނަމަވެސް އޭރުވެސް އޭގެތެރެއިން ސުއެއިދު ވަނީ ރާއްޖެ ދޫކޮށް ބޭރަށް ފުރާފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ރިޟްވާނު ގެއްލުވާލި މައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަނޑިޔާރު އާދަމް އާރިފް ވަނީ ސުއެއިދު ހޯދުމަށް އޭނާގެ ގެއަށް ޗިޓު ފޮނުވުމުން އާއިލާއިން އޭނާ މަރުވެފައިވާ ކަމަށް ބުނެފައިވާތީ އެކަންކަމަށް ބެލިންތޯ ދައުލަތުގެ ވަކީލުން ކައިރިން އައްސަވާފައެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ސުއެއިދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށާއި އޭނާގެ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ ސުއެއިދުއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަން މެދުވެރިކޮށް ސާފުކުރާނެ ކަމަށެވެ. އޭނާ ނެތަސް ދައުވާ ލިބޭ އިތުރު މީހުންގެ ބައި ކުރިއަށްދާނެ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.