Last Updated: June 11, 11:55
Thursday, June 11, 2026
މުނިފޫހިފިލުވުން

ދީޕިކާ އާ ދިމާއަށް "އޭޝް"

ޒުވާން ހުނަރުވެރި ބަތަލާ ދީޕިކާ ޕަދްކޯން މިހާރު އަންނަނީ ވަރަށް ބިޒީކޮށް، މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ" ގެ މަސައްކަތް ކުރަމުންނެވެ.

ފިލްމްގެ ޝޫޓިން ކުރިއަށްދާ އިރު ހައިރާންވާ ކަހަލަ ކަމެއް ވެސް އަންނަނީ ފާހަގަ ކުރެވެމުންނެވެ. އެކަން ފިލްްމްގެ ޔުނިޓްގެ މެމްބަރުން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ހުދު ދީޕިކާ ވެސް ހުންނާނީ އެކަމާ ހެވި ދިލިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދިމާވެގެން މި އުޅޭ ގޮތަކީ ބަންސާލީގެ ފެވަރިޓް ބަތަލާ އައިޝްވާރިއާ ރާއީ ބައްޗަން (އޭޝް) ގެ މަތިން އަބަދު ބަންސާލީ ހަނދާންވުމެވެ. އެ ސަބަބާ ހުރެ ގިނަ ފަހަރު ދީޕިކާ އާ ދިމާއަށް ބަންސާލީ އަށް މުހާތަބް ކުރެވެނީ "އޭޝް" ގެ ނަމުންނެވެ. އަދި ދީޕިކާގެ މަންޒަރެއް ނަގަން އޮތް ނަމަ "އޭޝް ޝޮޓަށް ތައްޔާރުވުމަށް" ސަންޖޭ ގޮވާ ކަމަށް ޔުނިޓްގެ މެމްބަރުން ބުނެ އެވެ. އަދި ތަކުރާރުކޮށް މިކަން މިގޮތަށް ދިމާވާތީ ޔުނިޓްގެ މެމްބަރުން "ރާމް ލީލާ" ގެ ބަތަލާއަކީ "އޭޝް" ނޫން ކަން ބަންސާލީ އަށް ހަނދާންކޮށްދޭ ކަމަށްވެ އެވެ.

އެހެން ވެދާނެ އެވެ. ސަބަބަކީ އޭޝްްއަކީ ސަންޖޭ މިހާތަނަށް ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބް ދެ ފިލްމްގެ ބަތަލާ އެވެ. އެއީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އެވެ. އޭގެ ފަހުން މާ ކާމިޔާބް ނޫން ފިލްމެެއް ކަަމަށްވާ "ގުޒާރިޝް" ގައި ވެސް ސަންޖޭ އާ އެކު އޭޝް ވަނީ މަސައްކަތްކޮށްފަ އެެވެ. އަދި އެއީ ބަންސާލީގެ އަބަދުގެ ވެސް ފެވަރިޓެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރިލީޒް ކުރާ "ރާމް ލީލާ" ގައި ދީޕިކާ އާ އެކު ފެނިގެން ދާނީ ޒުވާން އެކްޓަރު ރަންވީރު ސިންގް އެވެ.