ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި މުއާމަލާތްތައް އޮޑިޓާ ޖެނެރަލް އާންމުކުރި ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވި ރިޕޯޓުގައި ކުންފުނިން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ވަނީ ފާހަގަކޮށްފައެވެ.
ޑޮލަރާއި ޕެޓްރޯލް އަދި ޑީސަލް ގަތުމުގައި ފެނަކަ ކޯޕަރޭޝަނުން ގަވާއިދުތަކުގެ ބޭރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ވަކި ބަޔަކަށް ބޮޑެތި ފައިދާތައް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގިފައިވެއެވެ.
އިމަޖެންސީކޮށް 2014 ވަނަ އަހަރު ކުންފުނިން 38 ޖަނެރޭޓަރު ގަނެފައިވާއިރު ރިޕޯޓު ބުނާގޮތުގައި ފެނަކައިން ކޯޓޭޝަން ހޯދާފައިވަނީ ގަވާއިދާއި ޚިލާފަށް އެންމެ ކުންފުންޏަކުންނެވެ. މިގޮތަށް އަމަލުކޮށްފައިވަނީ ވަކި ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދުމަށް ކަމަށް ރިޕޯޓުން ތުހުމަތުކުރެއެވެ.
މީގެ އިތުރުން ފިއުލް ސަޕްލައި އިން ހުށައެޅި އަގަށްވުރެ ބޮޑު އަގަކަށް އަމިއްލަ ފަރާތަކުން ފެނަކަ ކޯޕަރޭޝަނުން ޑީސަލް 2015 ވަނަ އަހަރު ވަނީ ގަނެފައެވެ. މީގެ ސަބަބުން ޑީސަލް ގަތުމަށް އެފްއެސްއެމް އިން ހުށައެޅި އަގުގެ އިތުރަށް 21.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެއް ފަރާތެއްގެ ކޯޓޭޝަނަށް ޑީސަލް ގަނެ 4.3 މިލިއަން ރުފިޔާ ޑީސެލަށް ހޭދަކޮށްފައިވާ ކަމަށްވެސް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ ބައެއް މަޝްރޫއުތައް އެކި ބައިބަޔަށް ބަހާލައިގެން އެކި ފަހަރުމަތިން ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާ ހަވާލު ކޮށްފައިވާއިރު އަންދާސީ ހިސާބު ހޯދަން ކޮންމެ ފަހަރަކު ވެސް އާރުއެފްޕީ ފޮނުވާފައި ވަނީ އެއް ކުންފުނިތަކަކަށެވެ. ޓެކްނިކަލް އިވެލުއޭޝަނުން ބައެއް ކުންފުނިތައް ފެއިލްވެފައިވީ ނަމަވެސް އެ ކުންފުނިތަކަށް ވެސް އާރުއެފްޕީ ފޮނުވާފައިވާ ކަމާއި މި މަޝްރޫއު ބޭރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްކަން ރިޕޯޓުން ފާހަގަކުރިއެވެ.
މީގެ އިތުރުން ސ. ހިތަދޫގައި ހުޅުވި ފެނަކަ ޝޯރޫމަށް ތަކެތި ހޯދުމަށް އިއުލާން ކުރުމަށްފަހު މަސައްކަތް ހަވާލުކޮށްފައިވަނީ ތިން ވަނައަށް އެންމެ ގިނަ ޕޮއިންޓު ލިބުނު ބިޑަށެވެ.
އަދި ޑޮލަރު ގަތުމުގައި އަމިއްލަ ފަރާތަކަށް 95 މިލިއަން ރުފިޔާ ދޫކޮށް، އިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަންގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެއީ ހުއްދަ ދޫކޮށްފައިނުވާ ފަރާތެއްކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުން 2014 އަދި 2015 ވަނަ އަހަރުގެ ފެނަކައިގެ މުއާމަލާތްތައް ބަލައި އާންމުކޮށްފައިވާއިރު އޭރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލް ވަނީ މިދިޔަ އަހަރު މަގާމުން ވަކިކޮށްފައެވެ.