ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސުގެ ފޯވާޑް ކަރީމް ބެންޒީމާ އޭނާގެ ކޮންޓްރެކްޓު އާކޮށް 2021 ވަނަ އަހަރާއި ހަމައަށް ކުލަބުގައި ދެމިހުރުމަށް އެއްބަސްވެ ސޮއިކޮށްފިއެވެ.
ފްރާންސުގެ ލިއޯން އިން 2009 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ބެންޒީމާ ވަނީ 371 މެޗުން 181 ގޯލު އެޓީމަށް ޖަހާދީފައެވެ. ބެންޒީމާ ކޮންޓްރެކްޓު އާކުރުމުން އޭނާ ވެފައިވަނީ މިހަފްތާގައި ރެއާލްގެ ކޮންޓްރެކްޓު އާކުރި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.
ޑިފެންޑަރު މާސެލޯ އަދި ކަރްވަހާލްގެ އިތުރުން ޒުވާން މިޑްފީލްޑަރު އިސްކޯ ވެސް ވަނީ އެމީހުންގެ ކޮންޓްރެކްޓު އާކޮށް ޒިދާންއަށް އިތުބާރު ބޮޑު ކޮށްފައެވެ.
ރެއާލްއަށް މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ބެންޒީމާ ވަނީ 2015 ވަނަ އަހަރު ފްރާންސް އެފްއޭއިން އޭނާ ގައުމީ ޓީމު ކުޅުންތެރިއެއް ކަމަށްވާ މެތިއު ވަލްބުއޭނާ ބްލެކްމެއިލް ކުރިކަމަށް ބުނެ ސަސްޕެންޑު ކުރި ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.