Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މިއީ މަކަރުވެރިކަމުގައި ހައްދުން ނެއްޓިފައި އޮތް ސަރުކާރެއް: ލަތީފް

ދިއްދޫ މެމްބަރު އަބްދުއް ލަޠީފް، ފޮޓޯ: މިހާރު

މި ސަރުކާރަކީ މަކަރުވެރިކަމާއި ހީލަތްތެރިކަމުގައި ހައްދުން ނެއްޓިފައި އޮތް ސަރުކާރެއް ކަމަށާއި ފްލެޓު ބެހިއިރު އެކަން ހާމަވެއްޖެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލަތީފް ސަރުކާރަށް ފާޑުވިދާޅުވެފައިވަނީ ހުޅުމާލެ ފްލެޓު ދޫކުރިއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުން އަމަލުކޮށްފައިވާކަމަށް ބުނެ ރައްޔިތުން ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ލަތީފްވަނީ ފްލެޓު ދިނުމުގެ ކަންކަމުގައި އިސްކޮށް ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުން އުޅުއްވި ކަމަށް ތުހުމަތުކޮށް ފްލެޓު ހައްގުވާ ފަރާތްތަކަށް ފްލެޓު ނުލިބުމުގެ ޒިންމާ އެކަމަނާ ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފަސްޓް ލޭޑީއަށް ފާޑުވިދާޅުވެފައެވެ.

"ރައީސް އޮފީހުން ނެރޭ އަމުރުތަކާއި ރާއްޖޭގެ މިނިސްޓްރީތަކާއި މިނިވަން މުއައްސަސާ ތަކުން ނެރޭ އަމުރުތަކަށްވުރެ މެޑަމް އޮފީހުން ނެރޭ އަމުރުތައް ބާރުގަދަވެގެން އެދެނީ." ލަތީފް އިތުރުކޮށްފައިވެއެވެ.

އެތައް ބަޔަކު ފްލެޓު ދިނުމުގައި ސަރުކާރުން ބެލި މިންގަނޑު ހާމަކުރުމަށް ގޮވާލަމުން އަންނައިރު ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބުނު މީހުންގެ ލިސްޓުވެސް އާންމުކުރަން ދެކޮޅު ހަދާފައެވެ. މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުން ޝަކުވާ ކުރަމުންދާތީ އެ ލިސްޓު ހޯދުމަށް މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ނަމަވެސް އިންސާފުން ނޫން ގޮތަކަށް ފްލެޓެއް ދީފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒުވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމުނުކުރީ ލިބުނު މީހުނާއި ނުލިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށެވެ.