Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ގއ. އަތޮޅުގައި ބީއެމްއެލްގެ ޚިދުމަތް ފުޅާކޮށްފި

ހުވަދު އަތޮޅު އުތުރުބުރީގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ފުޅާކޮށްފިއެވެ. އެގޮތުން ބީއެމްއެލްގެ ތިން ސެލްފް ސާވިސް އޭޓީއެމް ގއ ގެ ތިން ރަށެއްގައި މިއަދު ވަނީ ގާއިމުކޮށް ޚިދުމަތް ފަށާފައެވެ.

މި ތިން އޭޓީއެމް ގާއިމްކުރުމާއެކު ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްތަކުގެ އަދަދު 90 އަށް ވަނީ އަރާފައެވެ. ބީއެމްއެލްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ޚިދުމަތްތައް ފުޅާކުރުމަށް 300 މިލިއަން ރުފިޔާވަނީ އިންވެސްޓު ކޮށްފައެވެ.

އެގޮތުން އެކި ހިސާބުތަކުގައި އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމް ގާއިމުކުރަމުން އަންނައިރު އައްޑޫ ސިޓީގައި ދާދި ފަހުން ބީއެމްއެލް އިން ވަނީ އާ ކޮންޓެކްޓް ސެންޓަރެއްވެސް ގާއިމުކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސާވިސް ބޭންކިން ސެންޓާ، 90 އޭޓީއެމް، 4600 ޕީއޯއެސް މާޗަންޓުން، 205 ކޭޝް އެޖެންޓުން ތިބޭނެއެވެ.