Last Updated: April 20, 14:10
Saturday, April 20, 2024
މުނިފޫހިފިލުވުން

"ޕަދްމާވަތީ" ޑިސެމްބަރު އެކެއްގައި ރިލީޒް ކުރަނީ

ކުރިން އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރަން ތާވަލް ކުރި ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމް "ޕަދްމާވަތީ" އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް އަޑުތައް އަރާފައި ވަނިކޮށް އެ ފިލްމް އަންނަ ޑިސެމްބަރު އެކެއްގައި ރިލީޒް ކުރާކަން މިއަދު އިއުލާންކޮށްފި އެވެ.

ބަންސާލީ ޕްރޮޑަކްޝަނާއި ވަޔަކޮމް 18 މޯޝަން ޕިކްޗާޒް ގުޅިގެން ގެނެސްދޭ މި ފިލްމް ރިލީޒް ކުރާ ތާރީހު ކަށަވަރުކޮށް ދީފައި މި ވަނީ މިއަދު ދައްކާލި ފިލްމުގެ ދެ ޕޯސްޓަރާ އެކުގަ އެވެ. އެގޮތުން ފިލްމްގައި ޓައިޓްލް ރޯލް ކުޅޭ ބަތަލާ ދީޕިކާ ޕަދްކޯން ހިމެނޭ ދެ ޕޯސްޓަރެއް ވަނީ ދައްކާލައިފަ އެވެ.

"ޕަދްމާވަތީ" ކުރިން ރިލީޒް ކުރަން ތާވަލު ކުރީ އަންނަ ނޮވެމްބަރު މަހުގެ 17 އަށެވެ. އެކަމަކު ބައެއް މީޑިއާތަކުން ދާދި ފަހުން ވަނީ އެ ފިލްމް އަންނަ އަހަރުގެ ފެބްރުއަރީ އަށް ލަސްކޮށްފައި ކަމަށް ރިޕޯޓްކޮށްފަ އެވެ.

ތާރީހީ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ޕަދްވާމަތީ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ދީޕިކާ އާއި ޝާހިދު ކަޕޫރުގެ އިތުރުން ރަންވީރް ސިންގް އެވެ.

މިއީ 2015 ގައި ރިލީޒް ކުރި "ބަޖިރާއޯ މަސްތާނީ" އަށް ފަހު ބަންސާލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އެ ފިލްމްގެ ތަރިންނަކީ ރަންވީރާއި ދީޕިކާގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ އެވެ.