Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

އިންޑިއާ އަށް ގެއްލުނު އަބްދުﷲ މަނިކުފާން ފެނިއްޖެ

ބޭސް ފަރުވާ އަށް އިންޑިއާ އަށް ގޮސް ހުއްޓާ އިއްޔެ ގެއްލުނު ހިތަދޫ ގޯޔާވިލާ، އަބްދުﷲ މަނިކުފާން، ހޯދަމުން ދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން ފެނިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި އަބްދުﷲ މަނިކުފާންގެ ދަރިފުޅު އިބްރާހިމް ލުޠުފީ ބުނީ، އޭނާގެ އަބްދުﷲ މަނިކުފާން ފެނިފައިވާ ކަމަށާޢި އޭނާ ފެނުނީ އާއްމުކޮށް ދިވެހިންދާ ޓްރެވިންޑްރަމް "ބިގް ބާޒާރު" ކައިރިން ކަމަށެވެ.

ލުޠުފީ ބުނީ އިއްޔެ ހަވީރު އިރު އޮއްސި 6 ޖެހިއިރު ބައްޕަ ދިޔަތަނެއް ނޭގިގެން ހޯދަމުން ގޮސް އެންމެ ފަހުން މިއަދު ހެނދުނު އެ މައްސަލަ ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސުލޭޓަށް ހުށަހެޅި ކަމަށެވެ.

އޭނާ ބުނީ ބައްޕަގެ ހާލު ރަނގަޅު ކަމަށާއި ޓްރެވިންޑްރަމްގެ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނެގުމަށްފަހު ބައްޕަ އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އަބްދުﷲ މަނިކުފާން ވީނުވީއެއް ނޭގި ގެއްލުމާއި ގުޅިގެން އޭނާ ހޯދުމުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އަބްދުﷲ މަނިކުފާން އިންޑީއާއަށް ގޮސްފައިވަނީ އަންހެނުންނާއި އަދި އާއިލާގެ ބައެއް މީހުންނާއިއެކުއެވެ.