ފީފާ އިން ކޮންމެ އަހަރަކު ހޮވާ ފިފް ޕްރޯ ވޯލްޑް 11 އަށް ނޮމިނޭޓުވި 55 ކުޅުންތެރިންގެ ލިސްޓު އިއުލާންކޮށްފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މޮޅު 11 ކުޅުންތެރިން ހޮވާ މި ލިސްޓަށް ޕްރިމިއާ ލީގުން ނޮމިނޭޓު ވެފައިވަނީ އެންމެ 13 ކުޅުންތެރިންނެވެ. ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިން އެކަނިވެސް 13 ކުޅުންތެރިޔަކު ވަނީ ލިސްޓަށް ނޮމިނޭޓުވެފައެވެ.
އިނގިރޭސި ހަމައެކަނި ކުޅުންތެރިޔަކަށް ލިސްޓުން ޖާގަ ލިބިފައިވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ރަން ބޫޓު ހޯދާފައިވާ ކޭންއެވެ. ޕްރިމިއާ ލީގު ޓީމުތަކުން އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓު ކުލަބަކީ މެންޗެސްޓާ ޔުނައިޓެޑެވެ.
ޔުނައިޓެޑުގެ 6 ކުޅުންތެރިން ނޮމިނޭޓު ވެފައިވާއިރު ޗެލްސީގެ ތިން ކުޅުންތެރިން، އާސެނަލް އިން 2 އަދި ލިވަޕޫލްގެ ކޫޓީނިއޯ ވަނީ ލިސްޓުގައި ހިމެނިފައެވެ.
ޔުނައިޓެޑުން ލިސްޓުގައި ހިމެނިފައިވަނީ ޕޮގްބާ، އިބްރަހިމޮވިޗް، ލުކާކޫ، މަޓިޗް، ޑެހެއާ އަދި ވެލެންސިއާއެވެ. ޗެލްސީގެ ހަޒާޑް، ލުއިޒް އަދި ކަންޓޭ ލިސްޓުން ޖާގަ ހޯދާފައިވާއިރު އާސެނަލްގެ މީސުޓް އޮޒިލް އަދި ސަންޗޭޒްވެސް ވަނީ މޮޅު ކުޅުންތެރިންގެ ލިސްޓަށް ނޮމިނޭޓު ވެފައެވެ.
މިފަހަރުވެސް ލިސްޓަށް އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓުވެފައިވާ ލީގަކީ ސްޕެނިޝް ލީގެވެ. ސްޕެއިންގެ ޓީމުތަކަށް ކުޅެމުން އަންނަ 23 ކުޅުންތެރިން ލިސްޓުގައި ހިމެނިފައިވާއިރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅެމުން އަންނަ 9 ކުޅުންތެރިން ވަނީ ލިސްޓުން ޖާގަ ހޯދާފައެވެ.