އިންޑިއާގެ ނުފޫޒު އޮންނަ ކަޝްމީރް ގައި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ތިން މީހުން މަރުވެ، އިތުރު 20 މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި ގްރެނޭޑް ބޮމުގެ ހަމަލާ އަމާޒު ކުރީ ކަޝްމީރުގެ މިނިސްޓަރަކަށް ކަމަށާއި، އެހެންނަމަވެސް ނަސީބު ދިމާކުރި ގޮތުން އެ މިނިސްޓަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ މަޝްހޫރު ހަނގުރާމަވެރިއެއް ކަމަށްވާ ބުރްހާން ވާނީގެ އުފަން ރަށް "ޓްރެލް" ގައެވެ. މިދިޔަ އަހަރު އޭނާގެ މަރާއި ގުޅިގެން އެ ސަރަޙައްދުގައި ވަނީ ހަމަނުޖެހުންތަކެއް ކުރިއަށްގޮސްފަ އެވެ.
ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާނުން ހިސާރުކޮށްފައިވާ ސްޓޭޓެކެވެ.
"އަޅުގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭ އެކަމަކު ދެ މީހެއްގެ ފުރާނަ ގެއްލިގެންދިޔަ ކަމާއިމެދު ވަރަށް ހިތާމަ ކުރަން"، ޖައްމޫ އާއި ކަޝްމީރްގެ މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް ނައީމް އަޚްތަރް ވިދާޅުވި ކަމަށް ޕީޓީއައި އިން ރިޕޯޓް ކުރެއެވެ.
މީގެ އިތުރުން ޑްރައިވަރަކަށް ވަރަށް ސީރިއަސް ޒަޚަމްތަކެއް ލިބުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސަރަޙައްދުގެ ފުލުހުންގެ އިސްވެރިޔާ އެސްޕީ ވައިދް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު މިނިސްޓަރު އަޚްތަރް ހުންނެވީ ތަރައްޤީގެ ޕްރޮޖެކްޓެއް އިފްތިތާހް ކުރުމަށްޓަކައި ޓްރެލް ގައި ކަމަށެވެ.
އެ ސަރަޙައްދުގައި ހުރި ބަސް ސްޓޭންޑެއް ކައިރީގައި ދިން އެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވި އެވެ. ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި ސްރީނަގަރްގެ ހޮސްޕިޓަލެއްގައި ހަ މީހަކަށް ފަރުވާ ދެމުންދާއިރު، ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
ކަމާއިބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ ހިޒްބުލް މުޖާހްދީންގެ ހަނގުރާމވެރިންނެވެ. ޓްރެލް އަކީ އެ ގްރޫޕްގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ ސަރަޙައްދެކެވެ.
އެހެންނަމަވެސް އެ ގްރޫޕުން ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
1989 ވަނަ އަހަރުން ފެށިގެން ކަޝްމީރްގައި ދަނީ ހަނގުރާމަ ކުރެވެމުންނެވެ. އެގޮތުން އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ކުރެވުނު ތިން ހަނގުރާމައިގެ ތެރެއިން ދެ ހަނގުރާމައިގެ މައިގަނޑު ސަބަބަކީ ކަޝްމީރެވެ.