ރޭޕްގެ ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން ބަނޑުބޮޑުވި ދެ އަންހެން ކުއްޖަކަށް އެބޯޓް ކުރުމުގެ ހުއްދަ އިންޑިއާގެ ސުޕްރީމް ކޯޓުން ދީފިއެވެ.
އެގޮތުން ދިއްލީ އަދި ބެންގަލޫރަށް އުފަން އެ ދެ އަންހެން ކުދިންނަށް އެބޯޓް ކުރުމުގެ ހުއްދަ ދީފައި ވަނީ މެޑިކަލް ބޯޑްތަކުން އެ މައްސަލަތަކުގައި އެބޯޓް ކުރުމަކީ ހުއްދަ ކަމެއްކަން ކަނޑައެޅުމުންނެވެ.
ސުޕްރީމް ކޯޓްގެ ޙުކުމްގެ ދަށުން އޯލް އިންޑިއާ އިންސްޓިޓިއުޓްސް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް) އާއި ބަންގަލޫރު މެޑިކަލް ކޮލެޖް އެންޑް ރިސާޗް އިންސްޓިޓިއުޓް އިން ވަނީ އެ ދެ އަންހެން ކުދިންގެ ސިއްޙީ ތަހުލީލްތައް ކޮށްފައެވެ. އެ ދެ އިދާރާގެ ރިޕޯޓްތައް ބެއްލެވުމަށްފަހު ސުޕްރީމް ކޯޓްގެ އިސް ގާޒީ ދީޕަކް މިސްރާ ވަނީ އެކުދިންނަށް އެބޯޓް ކުރުމުގެ ހުއްދަ ދީފައެވެ.
އެގޮތުން އޭއައިއައިއެމްއެސް އިން ހުށަހެޅި ރިޕޯޓްގައި ވާގޮތުން އުމުރުން 13 އަހަރުގެ ކުއްޖާގެ ބަނޑަށް 23 ހަފްތާ ވެފައިވާއިރު، އޭނާގެ ބަނޑުގައިވާ ދަރިފުޅު އެބޯޓް ކުރުމަކުން އެކުއްޖާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތެވެ.
މީގެ އިތުރުން ބެންގަލޫރު ހޮސްޕިޓަލްގެ މެޑިކަލް ބޯޑުން ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ ބަނޑަށް 24 ހަފްތާ ވެފައިވާ 17 އަހަރުގެ އަންހެން ކުއްޖާ އަށް ވެސް ބަނޑުގައިވާ ދަރިފުޅު އެބޯޓް ކުރުމަކުން ގެއްލުމެއް ނުވާނެ އެވެ.
ސުޕްރީމް ކޯޓްގެ ނިންމުމުގައި ވާގޮތުން އެ ދެ އަންހެން ކުދިންގެ އެބޯޝަންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެކުދިން ނިސްބަތްވާ ސްޓޭޓްތަކުންނެވެ.
އިންޑިއާގެ ޤާނޫންގައި ވާގޮތުން ބަނޑަށް 20 ހަފްތާވުމަށްފަހު ދަރިފުޅު އެބޯޓް ކުރުމަކީ މަނާ ކަމެކެވެ.