Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ފަސޭހައިން ނިދަން ބޭނުން ނަމަ މި ތަކެތި ނުކާތި!

ރަނގަޅަށް ނުނިދުމަކީ ދިރިއުޅުމުގައި ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ހަމަ ނިދި ލިބުމަށްޓަކައި ދުޅަހެޔޮކޮށް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ނޭނގި ކެވޭ އެއްޗެހީގެ ސަބަބުން ރޭގަނޑު ނިދުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ތިރީގައި މިވަނީ ނިދުމުގައި އުނދަގޫތައް ކުރިމަތި ކުރުވާ ބައެއް ކާބޯތަކެއްޗެވެ.

1. ހަކުރު ހުންނަ އެއްޗެހި

ގިނައިން ހަކުރު ހުންނަ އެއްޗެހި ކެއުމުން ހަށިގަނޑަށް ހަގީގަތުގައި ބޭނުންވާ މިންވަރަށްވުރެ ގިނައިން ހަކަތަ ލިބެއެވެ. އޭގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ރޭގަނޑު ނިދަން އުނދަގޫވެއެވެ.

2. ހުތް މޭވާ

ހުތް މޭވާތަކުގައި ގިނަ އަދަދަކަށް އެސިޑް އެކުލެވިގެން ވެއެވެ. އޭގެ ސަބަބުން ނިދަން އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ.

3. ކުޅި ކާއެއްޗެހި

ކުޅި އެއްޗެހި ކެއުމުގެ ސަބަބުން ބަނޑުގައި ގޭސް އުފެދެއެވެ. އެގޮތުން ގޭސްޓްރޯއިންޓެސްޓިނަލް ޑިސްކޮމްފޯޓަކީ އިންސޯމްނިއާ (ނިދުމުގައި ދަތިތައް ކުރިމަތިވުން) އަށް މަގުފަހިކޮށްދޭ މައިގަނޑު އެއް ކަމެވެ. ގޭސްޓްރިކް ވުމުގެ ސަބަބުން ބަނޑުގައި އަލްސާ އުފެދި، ކަރުތެރެއިން އެސިޑް އަރާގޮތް ވެއެވެ.

4. ޑާކް ޗޮކްލެޓް

ޑާކް ޗޮކްލެޓްގައި ގިނަ އަދަދަކަށް ކެފެއިން އެކުލެވިގެން ވެއެވެ. ކެފެއިން އަކީ ހިތުގެ ވިންދު އަވަސްކޮށް، މީހާ އެލާޓް ކުރުވައިދޭ މާއްދާއެކެވެ. މީގެ އިތުރުން ކެފެއިން އާއި އެއްފަދަ އަސަރުތަކެއް ކުރުވާ މާއްދާއެއް ކަމަށްވާ ތިއޯބްރޮމައިން ވެސް ޑަކް ޗޮކްލެޓްގައި އެކުލެވިގެން ވެއެވެ.

5. ކޮފީ

އާންމުކޮށް ހަށިގަނޑަށް ކެފެއިން އެންމެ ގިނައިން ކެފެއިން ލިބެނީ ކޮފީ މެދުވެރިކޮށެވެ. ކެފެއިންގެ ސަބަބުން މީހާ މާބޮޑަށް އެލާޓް ވެއެވެ. އޭގެ ސަބަބުން ފަސޭހައިން ނިދި އައުމުގައި އުނދަގޫތައް ކުރިމަތިވާނެ އެވެ. މީގެ އިތުރުން ކެފެއިން އަކީ ޑައިޔުރެޓިކް މާއްދާއެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާގިނައިން ކުޑަކަމުދާގޮތް ވެއެވެ.