މިޔަންމާ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަަމަލުތަކަށް އިންޑިއާއިން ހިތްވަރުދިނުމަށް ބަރު ހަތިޔާރު ދޭން ނިންމައިފިއެވެ.
އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން މިޔަންމާ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރުމުގެ ބަދަލުގައި އެމީހުންނަށް ތައުރީފުވެސް ކޮށްފައެވެ.
އަދި ރޮހިންޖާ މުސްލިމުން އިންޑިއާއިން ޑީޕޯޓުކުރުމުގެ މަސައްކަތްވެސް އިންޑިއާ އިން ވަނީ ކޮށްފައެވެ. އަސްކަރީ ގޮތުން ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއިން ވަނީ މިޔަންމާރަށް ހަތިޔާރު ދިނުމަށް މިހާރު އެއްބަސްވެފައެވެ.
މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު ފަސް ލައްކައާ މިހާރު ވަނީ ކައިރިވެފައެވެ. އަދިވެސް އެތައް ބަޔަކު އެގައުމަށް އެތެރެވުމަށް ބޯޑަރު ކައިރިއަށް ތޮށްޖެހެމުން އެބަދެއެވެ.