Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ރީކޯ މޫސަ ކުރީ ސަފަށް: ޕީޕީއެމް ތެރޭގައި ޚިޔާލު ތަފާތުވުންތައް!

ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމާއި ރީކޯ މޫސަ ޕީޕީއެމްގެ ކެމްޕޭން ޓީމާއެކު. --ފޮޓޯ/ ސޯޝަލް މީޑިއާ

މިފަހަކަށް އައިސް ޕީޕީއެމްގެ ފަރާތުން ބާއްވާ ޖަލްސާތަކާއި އިވެންޓުތަކުގައި އެންމެ ކުރީ ސަފުން ފެންނަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. ޕީޕީއެމްގެ ފަރާތުން ބައެއް ރަށްތަކަށް ކެމްޕެއިން ދަތުރުތައް ކުރައްވަމުން ގެންދަވާއިރު ވެސް އެންމެ އިސްސަފުން ފެންނަނީ ރީކޯ މޫސައެވެ.

ރ.އަތޮޅަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކުރެއްވި ދަތުރުފުޅުގައި ވެސް އެންމެ "އަލިގަދަ ތަރިއަކަށް" ވެވަޑައިގަތީ ރީކޯ މޫސައެވެ.
ފާތިމަތު އިބްރާހިމް ރައްޔިތުންގެ ހާލު ބައްލަވަން ކުރެއްވި ދަތުރުފުޅެއް ކަމަށްވީ ނަމަވެސް، ޕީޕީޢެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ޚިޔާލުތައް ވަނީ ދެކަފިވެފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކެވި ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި، ރީކޯ މޫސަ ކުރިއަށް ނެރުއްވުމުން އެކުރެވެނީ އެންޓި ކެމްޕެއިނެއް ކަމަށެވެ. އަދި އޭގެ ސަބަބުން ތާއީދު އިތުރުވުމުގެ ބަދަލުގައި ނުރުހުން އިތުރު ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"2018ގެ ކެމްޕެއިން އަށް ރީކޯ މޫސަގެ ފަލްސަފާ ވިއްކުމުގެ ބަދަލުގައި، މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢު ވިއްކަންވީ، ރައްޔިތުން ބޭނުމީ ހަމަޖެހުން، އެ ހަމަޖެހުމުގެ ވާހަކަ ދައްކަންވީ، ރީކޯ މޫސަ ކޮންމެ ޖަލްސާއެއްގައި މައުމޫނު މައުމޫނު މި ކިޔަނީ" ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ.

ޕީޕީއެމް އާއި ރީކޯ މޫސަ ގުޅިވަޑައިގަތުމުގެ ކުރިއަށް ޖެހިލާއިރު، ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ކުރިއަށް ގެންދަވާ ކެމްޕެއިން އިވެންޓްތަކުގެ އިސްސަފުން ފެނުނު ބައެއް ފަރާތްތައް ތަންކޮޅެއް ފަހަތަށް ޖެހިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މިފްކޯގެ ސީއޯއޯ އަދްލީ މެން ފަދަ ބޭފުޅުން މިހާރު ފެނިވަޑައިގަންނަވަނީ ތަންކޮޅެއް ފަހަތުންނެވެ.

ރީކޯ މޫސަ އަކީ ޕީޕީއެމްގެ އެއްވެސް އިންތިޚާބީ މަޤާމެއްގައި ހުންނެވި ބޭފުޅަކަށް ނުވާއިރު، ފަހަކަށް އައިސް ކެމްޕެއިން އިވެންޓްތައް ސީދާ މޫސަގެ ބެއްލެވުމުގެ ދަށުން ގެންދަން ވަނީ ފަށާފައެވެ. ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އައި ބޭފުޅަކު އަތްމައްޗަށް ޕާޓީގެ ކަންކަމުގައި ބަސް ވިދާޅުވުމުގެ ބާރު ދެއްވުމަކީ ޕީޕީއެމްގެ އާންމު މެންބަރުން ވެސް އެހާ ރުހޭ ކަމެއް ނޫނެވެ.

" މި ރާއްޖޭގެ ކޯޓުތަކުގެ އަގު ވައްޓާލުމަށް ފާޅުގައި މަސައްކަތް ކުރެއްވި މީހެއް އެއީ (ރީކޯ މޫސަ އަކީ). ރައީސް ޔާމީން މި ވިދާޅުވަނީ ތަކުރާރުކޮށް ކޯޓުތަކުގެ ހުކުމަށް އިހްތިރާމް ކުރައްވާނަމޭ. އެހެން ވިދާޅުވަމުން ގެންދަވަނިކޮށް މޫސަ މިތަނަށް ލައިގެން މީތި ވޯކެއް ނުކުރާނެ"، ހިތަދޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތަކުން ބުންޏެވެ.

ރީކޯ މޫސަ ޕީޕީއެމްގެ ކެމްޕެއިން ތަކުގެ ކުރީ ސަފަށް ނެރުމަކީ ފައިދާ ހުރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ބައެއް ބޭފުޅުން ވެސް ޕީޕީއެމްގެ ތެރޭގައި އެބަ ތިއްބެވިއެވެ. އެގޮތުން ފަސްޓް ލޭޑީގެ އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅަކު، 'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ސިފަކުރެއްވި ގޮތުގައި ރީކޯ މޫސަ އަކީ، އެމްޑީޕީގެ ތެރެއިން "ވޯޓުތައް ނެރެން އެނގޭނެ ބޭފުޅެއް" ކަމަށެވެ.

"މައުމޫނުގެ އަނިޔާވެރިކަން ތަހައްމަލު ކުރި މީހުން އެމްޑީޕީ ސަފުން ނެރެ މިކޮޅަށް (ޕީޕީއެމް) ގެނައުމުގެ މަސައްކަތް މޫސަ އެކުރައްވަނީ. އެއީ ވަރަށް ބޭނުންތެރި މަސައްކަތެއް" އޭނާ ވިދާޅުވިއެވެ.