Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ބެސްޓް އެވޯޑަށް މެސީ، ނޭމާ އަދި ކްރިސްޓިއާނޯ

މިދިޔަ އަހަރު ފީފާއިން އަލަށް ތައާރަފް ކުރި ފީފާ ބެސްޓް ޕްލެޔާ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި މިފަހަރު ހިމެނިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ނޭމާ އަދި މެސީއެވެ.

އެވޯޑަށް ޝޯޓުލިސްޓުވި ތިން ކުޅުންތެރިންގެ ތެރޭގައި މިތިން ކުޅުންތެރިން ހިމެނޭނެ ކަމަށް ގިނަ ބަޔަކު އައީ ބަލަމުންނެވެ. އެގޮތުން ރޮނާލްޑޯ މިދިޔަ އަހަރުގައި ޕޯޗުގަލްއާއެކު ޔޫރޯ ހޯދާފައިވާއިރު ރެއާލްއާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށް ލިސްޓަށް ފަސޭހަކަމާއެކު ނޮމިނޭޓު ވެފައިވާއިރު މެސީ ވަނީ ދުނިޔޭގެ ފުޓުބޯޅައިގައި އަނެއްކާވެސް ފަނޑުވުމެއް ނެތް އަހަރެއް ހޭދަކޮށްފައެވެ.

ލިސްޓުން ނޭމާއަށް ޖާގަ ލިބިފައިވާއިރު ނޭމާ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. ޚާއްސަކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ޕީއެސްޖީ ބަލިކުރި ތާރީޚީ މެޗުގައި ނޭމާގެ ރޯލު އިންތިހާއަށް ބޮޑެވެ. މުޅި ސީޒަނުގައި ވެސް ނޭމާގެ ތަފާތު ކުޅުމެއް ފުޓުބޯޅައިގެ ދުނިޔެއަށް ދައްކާފައިވާއިރު އޭނާ ވަނީ މިސީޒަނުގައި ޕީއެސްޖީއާ ގުޅުމަށްފަހުވެސް އެކުޅުން ދައްކަމުންނެވެ.

މިދިޔަ އަހަރު އަލަށް ފީފާ ބެސްޓް އެވޯޑްސްގެ ދޭން ފެށުމަށްފަހު މިއެވޯޑު ހާސިލުކޮށްފައިވަނީ ރޮނާލްޑޯއެވެ. އޭނާ މިއަހަރުވެސް އެވޯޑު ދިފާއު ކުރާނެ ކަމަށް ގަބޫލުކުރެވެއެވެ. މިދިޔަ ސީޒަނުގައި ރެއާލުން ލަލީގާ އަދި ޗެމްޕިއަންސް ލީގު ހޯދާފައިވާއިރު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ރަން ބޫޓު ހޯދާފައެވެ.