ސްރީ ލަންކާ އެއާލައިންސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީންތަކެއް އަނެއްކާ ވެސް އަތުލައިގެންފި އެވެ.
މިދިޔަ ހަފުތާގައި ލަންކާއިން ގަމަށް ޖެއްސި ފްލައިޓަކުން ރާއްޖެ އައި 5 ބިދޭސީއެއްގެ ލަގެޖު ފާސްކޮށް ބެލުމުންނެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފައިވާ ގޮތުގައި މި 5 މީހުންގެ އަތުން 6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި 5 މީހުން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 27، 29 އަދި 39 އަހަރުގެ 3 ފިރިހެނުންނާއި 53 އަހަރާއި 32 އަހަރުގެ 2 އަންހެނުންނެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި މީހުންގެ އަތުން އަތުލައިގަތް ތަކެތި ޓެސްޓުކުރި އިރު އޭގެ ތެރެއިން 17 ޕެކެޓްގައި ހުރި 4.312 ކިލޯގްރާމުގެ ތަކެތިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައެވެ.
އަދި 4 ޕެކެޓެއްގައި ހުރި 1.826 ކިލޯގްރާމުގެ ތަކެތި ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައި ވާއިރު، 9 ޕެކެޓެއްގައި ހުރި 285 ގުރާމުގެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކްރިސްޓަލް މެތަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.