Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އިދިކޮޅުން ލަނޑެއް ޖެހުމުން ކުޑަހުވަދޫ ދަނޑުން ފައިބައިފި

ކުޑަހުވަދޫ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީގެ ނިންމުންތަކާ މެދު ސުވާލު އުފައްދަނީ-- ފޮޓޯ: ސަން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޑަހުވަދޫ އަދި މިލަންދޫ ބައްދަލުކުރި މެޗުގެ މެދުތެރެއިން ރެފްރީގެ ނިންމުންތަކާއެކު މެދު ހިތްހަމަނުޖެހިގެން ކުޑަހުވަދޫ ޓީމު ދަނޑުން ފައިބައިފިއެވެ.

ކުޑަހުވަދޫ ޓީމުން މެޗުން ފައިބައިފައިވަނީ މިލަންދޫ ޓީމުން މެޗުގެ ދެވަނަ ލަނޑު ޖެހުމުންނެވެ. މުޅި ޓީމު ދަނޑުން ފައިބައިފައިވާއިރު ކުޅުންތެރިން މެޗު ދޫކޮށް ދިޔައީ ބެންޗުން އަންގައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކުޑަހުވަދޫ ޓީމުން ބުނެފައިވަނީ މިލަންދޫ ޓީމުގެ ދެވަނަ ލަނޑު އެޓީމުން ޖަހާފައިވަނީ ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިޔަކަށް ފައުލް ކުރުމަށްފަހު ކަމަށެވެ. ނަމަވެސް ރެފްރީ ވަނީ އެއީ ފައުލެއް ނޫން ކަމަށް ނިންމައި ކުޅުން ކުރިއަށް ގެންގޮސްފައެވެ.

ރޭގެ މެޗުގެ ރެފްރީއަކަށް ހުރީ އިންޑިއާގެ ރެފްރީއެކެވެ. ރެފްރީ ވަނީ މެޗުގެ ފުރަތަމަ ހާފުގައި މިލަންދޫ ޓީމުގެ އޮފިޝަލެއްގެ އަމަލުތަކާއި މެދު ހިތްހަމަ ނުޖެހި އޭނާ ބެންޗުން ފޮނުވާލާފައެވެ.

އެފްއޭއެމްއިން މިމެޗުގެ ނަތިޖާއާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ކުޅުންތެރިން ދަނޑުން ފޭބިއިރު މިލަންދޫ އޮތީ 0-2 އިން ކުރީގައެވެ.

ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހި މެޗުން ފޭބުމަކީ ދުނިޔޭގެ އެއްވެސް ހިސާބަކުން ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. މެޗަށްފަހު ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ހުށައެޅުމުގެ އިޚްތިޔާރު ޓީމަށް ލިބިފައިވެއެވެ. އަދި އެގޮތަށް މައްސަލަ ހުށައަޅައިފިނަމަ ރެފްރީގެ ނިންމުންތައް ތަހުގީގު ކުރެވޭނެއެވެ.