Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ވެލާނާ އެއާޕޯޓްގައި ސިފައިން ހަތިޔާރާ އެކު

ވެލާނާ އެއާޕޯޓުގެ ސަލާމަތީ ކަންތައް އިތުރަށް ވަރުގަދަކޮށް ހަތިޔާރާއި އެކު މިއަދުން ފެށިގެން ސިފައިން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފާއި ހަވާލާދީ "މިހާރު" ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ވަކި މުއްދަތެއް ނެތް ގޮތަށް ހަތިޔާރާއި އެކު ސިފައިން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށާފައި މިވަނީ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ލިބިގެން ނޫން ކަމަށެވެ.

"މިހާތަނަށް އައިއިރު، ރާއްޖެއަށް [ޓެރަރިސްޓް ހަމަލާއެއް ދީފާނެ] ކަމުގެ އިންޒާރެއް އެއްވެސް ގޮތަކުން ލިބިފައެއް ނެތް. އެކަހަލަ ބިރުވެރިކަމެއް ނެތް." އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކުރުމާއި ގުޅޭގޮތުން 'މިހާރު' އަށް ދެއްވި އިންޓިވައުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު އެކްސްޕްލޯސިވް ޑިޓެކްޓާސް ވެސް ބޭނުން ކުރަން ވަނީ ފަށާފައެވެ.

ޓެރަރިސްޓް ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ ގިނަ އެއާޕޯޓުތަކުގައި މިހާރު ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވަމުން ދެއެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގެ އެއާޕޯޓެއްގައި ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފެށި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.