Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މާރާމާރީއެއްގައި މީހަކު މަރާލައިފި

މާލޭގައި މީގެކުރިން ހިނގި ހިންގިމާރާމާރީގައި ބޭނުންކުރި ވަޅި، ފޮޓޯ: އަވަސް

މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލަކުން އައި ބަޔަކު ވަނީ މާފަންނު ކެފޭއެއް ކުރިމަތީގައި ތިބި ދެމީހަކަށް ވަޅިން ހަމަލާދީފައެވެ.

ދެމީހުންގެ ތެރެއިން އެކަކު ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާއިރު އަނެއް ޒުވާނާއަށް މިހާރުވެސް އެމަޖެންސީގައި ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ 19 އަހަރުގެ ޒުވާނެކެވެ. ހޮސްޕިޓަލުގައި ދެން ފަރުވާދެމުން ދަނީ 24 އަހަރުގެ ޒުވާނަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ ހާލުވެސް ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މާރާމާރީއެއްގެ މައުލޫމާތު ލިބިފައިވަނީ މިރޭ 23:23 އެހާކަށްހާއިރެވެ. ފުލުހުން ވަނީ އެސަރަހައްދު މިހާރު ބަންދުކޮށްފައެވެ. ނަމަވެސް މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދާދި ފަހުންވެސް މާލޭގައި ކައިރި ކައިރީގައި ހިނގި ދެ މާރާމާރީއެއްގައި ޒަޚަމްވި ދެ ޒުވާނަކު ވަނީ އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް ނިޔާވެފައެވެ.