Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ޗާލްސް ބްރެޑްލީ މަރުވެއްޖެ

ލަވަކިޔުންތެރިޔާ ޗާލްސް ބްރެޑްލީ ކެންސަރު ބަލީގެ ފަރުވާ ހޯދަމުން ގެންދަނިކޮށް މަރުވެއްޖެ އެވެ.

ޗާލްސް ބްރެޑްލީ މަރުވިއިރު، އޭނާގެ އުމުރަކީ 68 އަހަރެވެ.

އޭނާގެ އެންމެ ފުރަތަމަ މިއުޒިކް އަލްބަމް ރިލީޒްކުރީ 2011 ވަނަ އަހަރު އެވެ. އެ އަލްބަމަކީ "ނޯ ޓައިމް ފޯ ޑްރީމިން" އެވެ. އަދި އެއިރު އޭނާގެ އުމުރުން 62 އަހަރެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބަނޑުގެ ކެންސަރަށް ފަރުވާ ހޯދުމަށްފަހު ބްރެޑްލީ ވަނީ ލައިވް ޕާފޯމެންސްތަކަށް އެނބުރި އައިސްފައެވެ.

ބްރެޑްލީ މަރުވީ އޭނާގެ 2017 ވަނަ އަހަރުގެ މިއުޒިކް ޓުއާގެ ބާކީހުރި ޝޯތައް ބަލިޙާލަތުގެ ސަބަބުން ކެންސަލް ކޮށްފައި ވަނިކޮށެވެ.

ދިރިއުޅުމުގެ ގިނަ ދުވަސްތައް ބްރެޑްލީ ހޭދަކޮށްފައި ވަނީ އާދައިގެ ކުދިކުދި ވަޒީފާތަކުގައެވެ. އޭނާ ވަނީ ދިރިއުޅުމުގެ ބައެއް ދުވަސްތައް މަގުމަތީގައި ނިކަމެއްޗެއްގެ ގޮތުގައި ވެސް ހޭދަކޮށްފައެވެ.

އެހެންނަމަވެސް އޭނާ މިއުޒިކަށް ކުރި ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިރިއުޅުމުގެ ހާލަތު ކިތަންމެ ގޯހަސް އޭނާ ދިޔައީ އަބަދުވެސް މިއުޒިކް އުނގެނެމުންނެވެ. ބްރެޑްލީ މިއުޒިކަށް ޝައުޤުވެރިވާން ފެށީ ފުރާވަރު އުމުރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޖޭމްސް ބްރައުންގެ ލަވައެއް ފެނުނު ހިސާބުންނެވެ.