Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

އަންހެނަކު ރޭޕްކޮށްގެން އިންޑިއާގެ ފާދިރީއަކު ޖަލަށް

އުމުރުން 21 އަހަރުގެ އަންހެނަކާއި ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އިންޑިއާގެ މަޝްހޫރު ފާދިރީއަކު ހައްޔަރު ކޮށްފި ޚަބަރުތައް ބުނެފި އެވެ.

ފަލަހަރީ މަހަރާޖްގެ މައްޗަށް ވަނީ ވަކީލުކަން ކިޔަވާ ދަރިވަރަކު ރާޖަސްތާން ސްޓޭޓްގެ ރަށެއް ކަމަށްވާ އަލްވާރް ގައި ހުންނަ އޭނާގެ އާޝްރަމް ގައި ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވިފައެވެ.

އޭނާގެ މައްޗަށް އެ ކުށް ސާބިތުވެއްޖެނަމަ، 10 އަހަރަށް އޭނާ ޖަލަށް ލެވޭނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް އިންޑިއާގެ ފާދިރީއެއް ކަމަށްވާ ގުރްމީތު ރަމް ރަހީމް ސިންގް ވަނީ ދެ އަންހެނުން ރޭޕް ކުރި ކަމުގެ ކުށުގައި 20 އަހަރު ދުވަހަށް ޖަލަށް ލާފައެވެ.

ފުލުހުން ބުނާ ގޮތުގައި މަހާރަޖް ހައްޔަރު ކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ. އަދި އޭނާގެ ސިއްޙީ ތަހުލީލްތައް ކުރުމަށްޓަކައި އަލްވާރްގެ ހޮސްޕިޓަލަކަށް އޭނާ ވަނީ ގެންގޮސްފައެވެ.

ޖެއިޕޫރް ގައި ވަކީލުކަން ކިޔަވަމުން އަންނަ 21 އަހަރުގެ އެ އަންހެން މީހާ ވަނީ 07 އޮގަސްޓް 2017 ގައި ހިނގި އެ މައްސަލައިގެ ރިޕޯޓެއް 11 ސެޕްޓެމްބަރު 2017 ގައި ފުލުހުންގެ އިދާރާއަށް ކޮށްފައެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އޭނާ ވަނީ އަލްވާރްގައި ހުންނަ މަހަރާޖްގެ އާޝްރަމް އަށް، އޭނާގެ މައިންބަފައިންގެ އެދުމުގެ މަތިން ފައިސާ ހަދިޔާ ކުރުމަށްޓަކައި ޒިޔާރަތްކޮށްފައި ކަމަށެވެ. މީގެ އިތުރުން އެ ރޭ އާޝްރަމްގައި މަޑުކުރުމަށް އޭނާ އެއްބަސްވުމަށްފަހު މަހަރާޖް ވަނީ އޭނާ ރޭޕްކޮށްފައި ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި އެ މައްސަލަ ރިޕޯޓް ނުކުރުމަށް މަހަރާޖް ވަނީ އޭނާ އަށް އިންޒާރު ދީފައި ކަމަށްވެސް އެ އަންހެން މީހާގެ ރިޕޯޓްގައި ވެއެވެ.

އެހެންނަމަވެސް އުތުރު ހަރިޔާނާ ސްޓޭޓްގައި 1999 އާއި 2002 އާއި ދެމެދު ދެ އަންހެނުން ރޭޕް ކުރުމުގެ ކުށުގައި ރާމް ރަހީމް ސިންގް ޖަލަށް ލުމަށް ހުކުމް ކުރުމުން، އެ މައްސަލަ ރިޕޯޓް ކުރުމަށް އޭނާ އަށް ހިތްވަރު ލިބިގެންދިޔަ ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.

ރާމް ރަހީމް ސިންގް ގެ ޝަރީޢަތާއި ގުޅިގެން އުތުރު އިންޑިއާގައި ގިނަ ހަމަނުޖެހުންތަކެއް ހިނގައި 29 މީހުން ވަނީ މަރުވެފައެވެ. އަދި 2،000 އަށްވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.