Last Updated: May 8, 02:23
Wednesday, May 8, 2024
ރިޕޯޓް

އުފާވެރި ކައިވެންޏެއްގެ ސިފަތަކަކީ ކޮބާ؟

1. އެހެން މީހުންނާއި އަޅާކިޔާ ނެހެދުން

ހިތްހަމަޖެހޭ، ރަނގަޅު ގުޅުމެއް ދެމެހެއްޓޭނީ ތިމާ އާއި ތިމާގެ ލޯބިވެރިޔާގެ އެދުންތައް ރަނގަޅަށް ދަނެގެންނެވެ. އެހެން ލޯބިވެރިން އުޅޭ ގޮތާއިމެދު ހަސަދަވެރިނުވެ، އެހެން މީހުން މާ އުފަލުގައި އުޅޭތީ އެކަމާއި ޝަކުވާ ނުކުރާނަމަ، ހަޤީގަތުގައި ވެސް ތިޔަ އުޅެނީ ވަރަށް ދުޅަހެޔޮ ޒަވާޖީ ޙަޔާތެއްގަ އެވެ.

2. ލޯބިވެރިޔާ އާއިއެކު ޖެހިލުން ނުވުން

ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުނަމަ އެކަކު އަނެކަކަށް އެއްވެސް ކަމެއް ފޮރުވާކަށް ނުޖެހޭނެ އެވެ. އަދި ކަންކަމާއިމެދު ލަދުގަންނާކަށް ވެސް ޖުހެނޭނެ އެވެ. މިސާލަކަށް އެކަކު އަނެކަކުގެ ކިބައިގައި ހުންނަ އުނިކަންތައް ވެސް ފޮރުވަން ނުޖެހޭނެ އެވެ. އެ އުނިކަންތައްތަކާއި އެކުވެސް ތިބާދެކެ އަނެކާ ލޯބިވާކަން އެނގުމަކީ ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ.

3. އެކަކު އަނެކަކަށް އިހުތިރާމް ކުރުން

މިއީ ހަމައެކަނި ލޯބިވެރިޔާ ކައިރީގައި ހުންނަ ވަގުތު އޭނާއަށް އިހުތިރާމް ކުރުމެއް ނޫނެވެ. މީގެ ހަޤީގީ މާނައަކީ ލޯބިވެރިޔާގެ ނިންމުންތަކާއި އެދުންތަކާއި މިނިވަންކަމަށް ވެސް އިހުތިރާމް ކުރުމެވެ. މިއާއި ޚިލާފަށް ލޯބިވެރިޔާގެ ނުރަނގަޅު ވާހަކަތައް އެހެން މީހުން ކައިރީގައި ދެއްކުމަކީ އޭނާ އަށް ކުރާ ޤަދަރު ގެއްލިގެންދާ ކަމެކެވެ.

4. އެކަކު އަނެކަކަށް ކުރެވޭ ކުށްތަކަށް މަޢާފް ކުރުން

އެކަކު އަނެކަކަށް ކުރެވޭ ކުށްތަކުގެ ހިސާބު ގެންގުޅުމަކީ ވަރަށް ނޭދެވޭ ކަމެކެވެ. އޭގެ ބަދަލުގައި ކުރެވޭ ކުށްތަކަށް މަޢާފްދީ އަދި މަޢާފަށް އެދި، އެކަންތައް އަލުން ތަކުރާރު ނުކުރުމަކީ ދުޅަހެޔޮ ގުޅުމެއްގައި ހުންނާނެ އެންމެ މުހިންމު އެއް ސިފައެވެ. އަނެކާ އަށް ކުރެވޭ ކުށްތަކަށް މަޢާފް ދިނުމަށްފަހު އަބަދު އެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަންތައް ހަނދާން ނައްތާލާށެވެ.

5. ދަތި ދަނޑިވަޅުތަކުގައި އެކުގައި ތިބުން

ދިރިއުޅުމުގައި މިހާ ހިސާބަށް އައިސްފައިވާއިރު ހުންނާނީ އެކަކު އަނެކެއްގެ އެންމެ ރަނގަޅު ކަންތައްތަކާއި އެންމެ ގޯސް ހާލަތްތައް ވެސް ދެކި ފެނިފައެވެ. އަދި ދިމާވާ ހުރިހާ އުނދަގޫތަކަކާއި ދެމީހުން އެކީގައި ތިބެގެން ކުރިމަތިލާފައެވެ. އެއީ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ހަމަ ޔަޤީނުން ވެސް ވަރުގަދަ ކޮށްދޭނެ ކަމެކެވެ. ލޯބިވެރިޔާގެ ކިބައިގައި ހުންނަ އުނި ކަންތައްތަކަށް ސަމާލުކަން ނުދީ، ރަނގަޅު ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އަދި އެކަކު އަނެކަކު އިތުރަށް ރަނގަޅު އިންސާނަކަށް ވުމަށްޓަކައި ވާގިވެރިވާށެވެ.

6. އެކީގައި ކޮލިޓީ ވަގުތު ހޭދަކުރުން

އޮފީހުން އަންނަ އިރު ކިތަންމެ ވަރުބަލިވެފައި ހުއްޓަސް، އަބަދުވެސް ކުދިންނާއި އާއިލާއަށްޓަކައި ވަގުތު ހުސްކުރަން ޖެހޭނެ އެވެ. ދެމަފިރިންގެ ދުވަސް ދިޔަ ގޮތާއިމެދު ސުވާލުކޮށް، އެކަކު އަނެކަކާއި ކަންތައްތައް ހިއްސާކުރަން ވާނެ އެވެ.