Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

މަރަދޫ ބޮޑު މަގުގެ ޕޭވްމަންޓް ގާ އަތުރަން ފަށައިފި

މަރަދޫ ބޮޑު މަގުގެ ޕޭވްމަންޓްގައި ގާ އަތުރަނީ. ފޮޓޯ/ އައްޑޫ ލައިވް

ސްރީ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިން އައްޑޫގެ ތިން ރަށެއްގެ މަގު ހެދުމުގެ މަަސައްކަތުުގެ ތެރެއިން މަރަދޫ ބޮޑު މަގުގެ ޕޭވްމަންޓް ގާ އަތުރަން ފަށައިފި އެވެ.

މަރަދޫ ބޮޑު މަގުގެ ދެ ފަރާތުގެ ޕޭވްމަންޓްގެ ބޮޑު ބައެއްގައި މިހާރު ވަނީ ގާ އަތުރައި ނިންމާފަ އެވެ. އައިސީސީގެ އޮފިޝަލަކު ވިދާޅުވީ މަރަދޫ ބޮޑު މަގުގެ ކާބްސްޓޯން ޖަހައި، ގާ އަތުރަމުން އަންނަ އިރު. މަރަދޫ މަގުގައި ނިންމަން ޖެހޭ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.

"ބާކީ ދެން އޮތް މަސައްކަތަކީ ތާރު އެޅުން. މި މަހުގެ 15 ގެ ފަހުން އެ މަސައްކަތް ވެސް ފެށޭނެ. ތާރު އެޅުމުގެ ކުރިން އަޅަން ޖެހޭ ހުރިހާ ލޭޔާތަކެއް އަޅައި ނިމިފައި މިހާރު ހުރީ،" އޮފިޝަލް ވިދާޅުވި އެވެ. "މަރަދޫ ބޮޑު މަގުގެ ކޮޅުން ފެށިގެން ޕޭވްމަންޓް ގާ އެތުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މަރަދޫފޭދޫ ބޮޑު މަގުގެ ބޮޑު ބައެއްގައި ވެސް މިހާރު ވާނީ ކާބްސްޓޯން ޖަހާފައި."

މަގުގައި ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން މިހާރު އަންނަނީ މަގު ބައްތި ވެސް ޖަހަމުންނެވެ.

ތިން ރަށުގެ މަގު ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ފޭދޫ މަގު ވެސް ލެވެލްކޮށް ލޭޔާތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ލަންކާ ސަރުކާރުގެ 11 މިިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަން ވަނީ ހަމަޖެހިފަ އެވެ.

މި މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު 6، 2012 ގަ އެވެ.