Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

ބާސާ އާއި ރެއާލަށް ވެސް ލީގްގައި މޮޅެއް

ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި ރެއާލް މެޑްރިޑް ވެސް ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

ބާސާއިން ލީގުގައި ހިފަހައްޓާފައިވާ ސައްތަ އިން ސައްތަ ރެކޯޑު އަނެއްކާވެސް ދަމަހައްޓާފައިވަނީ ގިރޯނާއާ ދެކޮޅަށް ކުޅުނު މެޗު 0-3 އިން ކާމިޔާބުކޮށްގެނެވެ.

މެޗުގައި ބާސާގެ 3 ލަނޑުގެ ތެރެއިން ދެ ލަނޑަކީ ގިރޯނާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަދެފައިވާ ދެލަނޑެވެ. ފަހު ގޯލު ޖަހާފައިވަނީ ރޭ ލަލީގާގެ 100 ވަނަ މެޗު ކުޅުނު ލުއިސް ސުއަރޭޒްއެވެ.

ރެއާލް މެޑްރިޑާއި އަލާވެސް ބައްދަލުކުރި މެޗު ރެއާލް ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ. ޒުވާން ކުޅުންތެރިޔާ ޑެނިއަލް ސެބަލޮސް ރެއާލްއަށް ކުޅުނު ފުރަތަމަ މެޗުގައި ޖަހައިދިން ދެ ގޯލާއެކު ރެއާލް މޮޅުވެފައިވާއިރު އަދިވެސް ބާސާއާ ދެމެދު 7 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޗެމްޕިއަންސް ލީގުގައި ބޮރޫޝިޔާ ޑޯޓްމަންޑާއި ދެކޮޅަށް ރެއާލް މިހަފްތާގައި ކުޅެން ޖެހިފައިވާއިރު ބާސާ ކުޅެން ޖެހެނީ ސްޕޯޓިންއާ ދެކޮޅަށެވެ.