ރާއްޖެ ލާމަރުކަޒީ ގޮތުން ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމިކްރާތީ އަދި ޖަވާބުދާރީ ވަނިވި އުސޫލަކުން ރައްޔިތުން އަމިއްލައަށް ނިންމުމަށެވެ.
މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއަރައި ބާރުވެރިވުމެވެ. އެއާއި އެކު ރައްޔިތުންނަށް ލިބެންޖެހޭ ހިދްމަތްތައް ވީހާވެސް ގާތުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
ގާނޫނު ނަންބަރ 7/2010 " ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫ" ގައި އެގާނޫނު އުފެއްދި މަގްސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ މަތީގައި ދެންނެވުނު ކަންކަން ހާސިލް ކުރުން ކަމަށެވެ.
Mi ee Hithadhu Mageh. Tharaggee Yageen. @MMuizzu pic.twitter.com/hHpyC4mwVY
— Mohamed Yasrif (@Yasriph) September 21, 2017
ލާމަރުކަޒީ ގާނޫނަށް ފަހު ރާއްޖޭގައި ލޯކަލް ކައުންސިލްގެ ދެ ދައުރުު ނިމިފައިވާއިރު މިއަހަރު މިވަނީ އޭގެ ތިންވަނަ ދައުރެއް އިންތިހާބް ކުރެވިފައެވެ. ނަމަވެސް ގާނޫނުގެ ހުރިހާ ބާރެއް މިއަދު މިވަނީ ކައުންސިލްގެ އިހްތިސާސްގެ ތެރެއިން މައި ސަރުކާރަށް ބަދަލުކޮށްފައެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތައް ކިތަންމެގިނަ ބާރަކާއި އިހްތިޔާރެއް ލިބުނަސް މިއަދު ކައުންސިލްތަކަށް އެއްވެސް ބާރެއް ނެތެވެ. ހާއްސަކޮށް ސިޓީ ކައުންސިލްތަކުގެ ބާރު މިވަނީ ކަނޑުވާލާފައެވެ.
ރާއްޖޭގައި މިހާތަނަށް ތިން ސިޓީއެއް އުފައްދާފައިވާ އިރު ކައުންސިލްތަކުން މީގެ ކުރިން ދެމުންދިޔަ ގިނަ ހިދްމަތްތަކާއި ބަލަހައްޓަމުން ދިޔަ ރައްޔިތުންގެ ބިންތައް މިވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ބަދަލުކޮށްފައެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީ ބަލަހައްޓަމުން ދިޔަ ބިންތަކާއި، ޕާކް ތަކާއި މަގުތައް އަދި މިސްކިތްތަކުގެ އިތުރުން އިޖްތިމާއީ ކަންކަމަށް ދޫކުރެވިފައިވާ ހުރިހާ ބިންތައް މިވަނީ އެކި ވުޒާރާތަކުގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. ކައުންސިލްތައް ކުރަންޖެހޭ އެއްވެސް ކަމެއް މިހާރަކު ނޯވެއެވެ.
ރައްޔިތުންނާއި ކައިރިން ލިބެމުންދިޔަ ހިދްމަތް ހުއްޓި އެހެން ބައެއް މެދުވެރިންގެ ގޮތުގައި އައްޔަންކޮށްފިއެވެ. އެއާއި އެކު ކައުންސިލްތަކުން ކުރަމުން އައި މަސައްކަތްތަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެއްޖެއެވެ.
އައްޑޫގެ ބިންތަކާއި، އިޖްތިމާއީ ކަންކަމަށް ދޫކޮށްފައި ބިންތަކާއި އިމާރާތްތަކުގެ އިތުރުން މަގު ބެލެއްޓުންވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ކުޑަކުދިންގެ ޕާކްތައްވެސް ބަލަހައްޓަން މިހާރު ހަމަޖެހިފައިވާ ގޮތުން ކުރަންޖެހެނީ ހައުސިން މިނިސްޓްރީންނެވެ. ސުވާލަކީ އެކަން އެބަ ކުރެވޭތޯއެވެ.
ހައުސިން މިނިސްޓްރީން 3 ކޯޑިނޭޓަރުންނާއި ބޮޑު އޮފީހަކާއި އެތައް ބައިވަރު މުވައްޒަފުންނާއި ވެހިކަލް ތަކާއި މެޝިނަރީ ހުރެގެން މަގު ބެލެހެއްޓި، މަގު ބައްތި ބެލެހެއްޓި، ކުޑަކުދިންގެ ޕާކްތައް ބެލެހެއްޓޭތަނެއް ނުފެނެއެވެ. މަގުތައް ބެލެހެއްޓޭތަނެއް ނުފެނެއެވެ.
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށައް ކުޅިވަރު ކުޅޭ ދަނޑުތަކާއި ޔޫތު ސެންޓަރުތައް ބަދަލުކޮށްފައިވާ އިރު އެތަންތަން ބެލެހެއްޓުމަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރަކު އައްޔަންކޮށްފައިވާތާ ދެ އަހަރުވީއެވެ. ކުރި މަސައްކަތެއް ކުރެވުނު މަސައްކަތެއް ނެތެވެ.
މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީ އާއި ހަވާލު ކުރުމުން މިސްކިތްތައް ފޮޅައި ސާފު ކުރުމަށް އެމްއާރްޑީސީ އާއި ހަވާލުކޮށްފައިވާއިރު މިސްކިތްތައް ނުބެލެހެއްޓެއެެވެ. މުދިމުންނަށް މުސާރަ ނުދެވޭއިރު ބައެއް ހުކުރު ދުވަސްތަކުގައި މިސްކިތުގައި ހުޠުބާ ކިޔާނެ މީހަކު ހުރިތޯ ބަލާ ނުލެވެއެވެ.
މިފަދަ އެތައްކަމެއް ކޮންމެ ދުވަހަކު ތަކުރާރުވަމުން އަންނަ އިރު މިދެންނެވި ކަންކަން ހަވާލުވެފައިވާ މިނިސްޓްރީތަކުގެ ވަޒީރުން އައްޑޫއަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ބަދަލުގައި ފެންނަނީ ޕާޓީ ހަރަކާތްތަކުންނެވެ. މިކަންކަމުން ސަރުކާރަށް ލިބޭ ފައިދާއަށްވުރެ ބޮޑީ ލިބޭ ގެއްލުމެވެ. ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލެއް ނުވެއެވެ.