Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތާއި ގުޅިގެން ދިިވެހި ފަސްގަނޑުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

'އައްޑޫލައިވް' އަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސް ޖަމާއަތާއި ގުޅިގެން މަސައްކަތް ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފައި ވަނީ، މިމަހުގެ 14 ވަނަ ދުވަހުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްދީފައެވެ. މިއަދުގެ ނިޔަލަށް 10 ދުވަސް ހަމަވާއިރު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރި ނަމަވެސް އެކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އިއްޔެ އިން ފެށިގެން ވެލާނާ އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކޮށް އެއާޕޯޓުގައި ސިފައިން ހަތިޔާރާއެކު ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.

އައިސްއާއި ގުޅިގެން ހަނގުރާމަކުރުމަށް ސީރިއާއަށް ދާން އުޅުނު 3 މީހަކު ތުރުކީ އިން ހައްޔަރުކޮށްގެން ރާއްޖެ އަށް ވަނީ ގެނެސްފައެވ. އެ ތިން މީހުން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެހެން ނަމަވެސް ސީރިއާއަށް ދާން އުޅުމުގެ ތުހުމަތުގައި މެލޭޝިއާއިން ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައި 2 މީހުން މުޖްތަމަޢް އަށް ދޫކޮށްލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.