Last Updated: April 26, 14:54
Friday, April 26, 2024
ޚަބަރު

މާރާމާރީގައި ހައްޔަރު ކުރީ އެކަމުގައި ބައިވެރި މީހުން: ފުލުހުން

މާލޭގައި މީގެކުރިން ހިނގި ހިންގިމާރާމާރީގައި ބޭނުންކުރި ވަޅި، ފޮޓޯ: އަވަސް

ރޭ މާލޭގައި ހިނގި މާރާމާރީގައި ޒުވާނަކު މަރުވެ، އިތުރު ޒުވާނަކަށް އަނިޔާވި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭގައި ހިންގި މާރާމާރީ އަކީ ފުލުހުން ވަރަށް ސީރިއަސް ކަމާއެކު ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހަރުދަނާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމުގެ ޔަގީންކަންވެސް މިބަޔާނުގައި އަރުވާފައިވެއެވެ.

ރޭގެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ވ. ކެޔޮދޫ، ދޭލިއާގެ މޫސާ އަޙުމަދެވެ. އޭނާގެ އިތުރުން 24 އަހަރުގެ ޒުވާނަކަށްވެސް ބޮޑެތި އަނިޔާތަކެއްވެ އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. އޭނާ އަދިވެސް ދޫކޮށްފައިނުވާ ކަމަށް އެނގިފައިވެއެވެ.

މިދިޔަ ޖުލައި މަހުގައިވެސް ކައިރި ކައިރީގައި ދެ މާރާމާރީއެއް ހިންގައި، ދެ ޒުވާނަކު ވަނީ މަރާލާފައެވެ. ދެ މައްސަލައާ ގުޅިގެން ވެސް ފުލުހުން ބަޔަކު ހައްޔަރުކޮށްފައިވާއިރު މާރާމާރީތަކުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ދެމައްސަލައާ ގުޅިގެންވެސް އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.