ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ ހަތަރު ފިހާރައެއް އައްޑޫގައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ ފޭދޫ، މަރަދޫފޭދޫ، ހިތަދޫ އަދި ހުޅުމީދޫ ބްރާންޗް ފިހާރަ އެވެ.
މިި ތަންތަނުގެ ތެރެއިން ހުޅުމީދޫގައި ހުރި އެސްޓީއޯ ފިހާރައަކީ އައްޑޫގައި މިވަގުތު ހުރި އެސްޓީއޯގެ އެންމެ ރީތި ފިހާރަ އެވެ. އެތަން ހުރީ އެސްޓީއޯ އިން ހުޅުމީދޫގައި އިމާރާތްކޮށް ދާދި ފަހުން ބޭނުން ކުރަން ފެށި ހަތަރު ބުރީގެ އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ. ފިހާރަ ހުރީ އޭސީކޮށްފަ އެވެ.
މީގެ ކުރިން ކުއްޔަށް ހިފާފައި ހުރި އިމާރާތެއްގައި ވެސް ހުޅުމީދު އެސްޓީއޯ ފިހާރަ ހިންގި އިރު ވެސް ތަން ހުރީ އޭސީކޮށްފަ އެވެ. ހިތަދޫ ފިހާރަ ވެސް އޭސީ އެވެ. އޭސީގެ ފިނިކަން ނުލިބެނީ ފޭދު އާއި މަރަދޫފޭދޫ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުނަަށެވެ. އެ މުވައްޒަފުން ތިބެނީ ދާހިއްލާ ފޯވެފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ހޫނު ގަދަވެގެން ގޮސް "އަނދާފަ" އެވެ.
އެކަމަކު މަރަދޫފޭދު އާއި ފޭދޫގައި ހުރި އެސްޓީއޯގެ ފިހާރަ އޭސީއެއް ނުކުރެ އެވެ. އެހެން ނަމަވެސް މަރަދޫފޭދޫ ފިހާރަ ތެރޭގައި ހުންނަ އޮފީސް ބައި އޭސީކޮށްފައި ހުރި އިރު، އެ ފިހާރަ އާ އިންވެެގެން އިން އެސްޓީއޯ ކުލަ ފިހާރަ ވެސް ހުރީ އޭސީކޮށްފަ އެވެ.
އެސްޓީއޯ މަރަދޫފޭދޫ ފިހާރަ ހިންގާ އިމާރާތް ހަދާފައިވާ ގޮތަށް ބަލާ އިރު އެތަނުން އަރަނީ "އާވި" އެވެ. މާނައަކީ ތަން އިންތިހާއަށް ހޫނު ގަދަވުމެވެ. އެ ޝަކުވާ މުވައްޒަފުންގެ ތެރޭގައި ވެސް އެބަ އޮތެވެ. އަދި ހަމައެއާ އެކު ހޫނު ގަދަވުމުގެ ސަބަބުން ތަނުގައި ޑިސްޕްލޭކޮށްފައި ހުންނަ މުދާތަކަށް ވެސް ހޫނުގެ އަސަރު ވަރަށް ބޮޑަށް ކުރާކަން ފާހަގަ ކުރެވެ އެވެ.
އެއް ކަމަކީ އެތަނުގައި ހުންނަ ބައެއް އިލެކްޓޯރިނިކް ސާމާނުތަކުގެ ކުލަ ބަދަލުވެފައިވުމެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހުދު ކުލައިގައި ހުންނަ ތަކެތިންނެެވެ. އެ ޝަކުވާ ކަސްޓަމަރުން ވެސް ކުރެ އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ފިހާރަ ވެސް އޭސީ ކުރުމަށް މީގެ ކުރިން މަސައްކަތްތަކެެއް ކޮށްފައިވެ އެވެ. އެހެން ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި އެކަން މިހާތަނަށް ކާމިޔާބްވާ ގޮތް ނުވެފައި އޮތީ އެވެ. އެކަމަކު އެ ދެ ފިހާރައިގެ ތެރޭގައި އުފެދިފައިވާ އުދާސްތައް ފިލުވާލުމަށް ދެ ތަން ވެސް އޭސީ ކުރުން މުހިއްމެވެ. ތަނުގައި މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތެއް މާހައުލެއް ހޯދައި ދޭން ޖެހެ އެވެ.
"ފިހާރަ އަށް ވަދެ ބަލާލާ އިރު މިސާލަކަށް އެތަނުގައި ހުރި ޓޯސްޓަރު ނުވަތަ ސޭންޑްވިޗް މެޝިން އަދި އިސްތިރި އާއި ބްލެންޑާ ކަހަލަ ތަކެތީގައި ހުންނަނީ އެތަކެތީގެ އަސްލު ކުލަ ނޭނގޭ ވަރަށް ރަތްވެފައި. އެހެން އެ ވަނީ ފިހާރައިގެ އެތެރެ އެހާ ބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން،" ކަސްޓަމަރަކު ބުންޏެވެ. "ކަސްޓަމަރުން އައިސް ބަލާނީ ޑިސްޕްލޭކޮށްފައި ހުންނަ ތަކެތި. އެހެން އައިސް ބަލާ އިރު ބާވެފައި ހުންނަ ތަކެތިހެން ހީވާ ވަރަށް ސާމާނުތަކަށް އަސަރުކޮށްފައި ހުރުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން."
މީގެ އިތިރުން ބަސް ކަސްޓަމަރުން ފާހަގަ ކުރާ އަނެެއް ކަމަކީ އެސްޓީއޯ މަރަދޫފޭދޫ ފިހާރައިގައި ހުންނަ ކުކަރާއި މޯޓަރު ފަދަ ތަކެތީގައި ދަބަރުގެ އަސަރު ވެސް ހުންނަ މައްސަލަ އެވެ.
"އެ ފިހާރަ ހުންނަނީ ލިންކް ރޯޑްގައި މޫދަށް ކުރިމަތިވާ ގޮތަށް. ފިހާރައިގެ ދޮރު ހުޅުވާފައި ހުންނަން ޖެހޭތީ ހަމަ ޔަގީނުން ވެސް ލޮނުގެ އަސަރު ފިހާރައިގެ ތެރެއަށް ކުރާނެ،" އެސްޓީއޯ އިން އާންމުކޮށް ވިޔަފާރި ކުރާ މީހަކު ބުންޏެވެ. "އެހެންވެ ކަމަށް ބޮޑަށް ގަބޫލް ކުރެވެނީ އުނދުން ކަހަލަ އެއްޗެހީގައި ދަބަރުގެ އަސަރު ހުންނަނީ."
އޭނާ އިތުރަށް ބުނީ އެސްޓީއޯ މަރަދޫފޭދޫ ފިހާރަ އޭސީ ކުރަން ޖެހޭ ކަމަށެވެ. ތަނުގެ މުދަލުގެ ރައްކާތެރި ކަމަށްޓަކައި އެކަން ކުރަން ޖެހޭ ކަމަށް ގަބޫލް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.
"އަދި ހަމައެއާ އެކު މުވައްޒަފުން ވެސް އެތަން ހޫނު ގަދަވުމުގެ ޝަކުވާ ވަރަށް އާންމުކޮށް ކުރާކަން ފާހަގަ ކުރެވޭ. އަޅުގަނޑުމެންނަކަށް ނުފެނޭ އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ފިހާރަތައް ތަރައްގީވެ ޒަމާނީ ބަދަލުތަކެއް ވެސް އަންނަ ތަނެއް. ގިނަ ތަންތަން މި ހުންނަނީ ހޫނު ގަދަ ގުދަންތަކެއްހެން،" ވިޔަފާރިވެރިއަކު ބުންޏެވެ. "އެކަމަކު މާލޭގައި އެސްޓީއޯގެ ތަންތަން އިތުރުވަނުން އަންނަ އިރު، އެތަންތަން އެ ހުންނަނީ ވަރަށް ހިތްގައިމުކޮށް. ކަސްޓަމަރުންނާއި މުވައްޒަފުން ވެސް ހިތްހަމަޖެހޭ ގޮތަށް. މައްސަލައަކީ އެ ބަދަލު މިތަންތަނުން ނުފެންނާތީ. ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏެއްގެ ފިހާރަތަކުގެ ހާލަތު މިގޮތަށް އޮތުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ލަދުވެތި ކަމެއް."
އައްޑޫގެ އެހެން ވިޔަފާވެރިއަކު ވެސް ބުނީ ކުޑަކުޑަ އާބާދީއެއް ދިރިއުޅޭ، ފަޅު ތަނެެއްގެ ގޮތުގައި ސިފަ ކުރެވޭ ހުޅުމީދޫގައި އެސްޓީއޯ އިން ހަތަރު ބުރީގެ ރީތި އިމާރާތެެއްް ހެދުމުގެ ހަގީގީ ބޭނުމާ ދޭތެރޭ ވެސް ސުވާލު އުފެދޭ ކަމަށެވެ.
"ހުޅުމީދޫގެ ބަދަލުގައި މިސާލަކަށް މިހާރު އެސްޓީއޯ ފިހާރަ ހުރި މަރަދޫފޭދޫ މޫނުމަތީގައި އެތަން ހެދި ނަމަވެސް މާ ރަނގަޅުވީސް. ފަހަރުގައި ވެދާނެ އެސްޓީއޯގެ މެނެޖިން ޑިރެކްޓަރަކީ ހުޅުމީދޫ މީހެެއް ކަމަށްވާތީ އެ ރަށުގައި އެ އިމާރާތް ހެދީ ކަމަށް،" އޭނާ ބުންޏެެވެ.