ކިޔަވައި ނިންމާ ކޮންމެ ކުއްޖަކީ ވަޒީފާއަށް ނިކުންނަން ޖެހޭ ކުއްޖެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، 1،000 ފޮޓޯގްރާޕަރުން ތަމްރީން ކުރުމަށް އިކޮނަމިކް މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ރޭ ދަސްވެނިވި 414 ޒުވާނުންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވީ، ޤައުމު ތަރައްގީ ކުރުމަށް ހަމައެކަނި ބޭނުން ވަނީ ކިޔަވައިގެން ތިބި ކުދިން ނޫން ކަމަށާއި މަސައްކަތް ދަސްކޮށްގެން ތިބި ކުދިން ވެސް މުހިންމު ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިގްތިސާދު ކުރި އެރުވުމަށްޓަކައި "ޓެކްނިކަލް އެޑިޔުކޭޝަން" ނުވަތަ ތައުލީމްގެ ތެރެއިން މަސައްކަތް ދަސްކޮށްދިނުމުގެ މުހިއްމުކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާ ބާޒާރު ޒަމާނުންސުރެ އޮތީ މަސައްކަތް ކުރާނެ ދިވެހިން ނެތުމުގެ ސަބަބުން ބިދޭސީންގެ އަތްމައްޗަށް ދޫވެފައި ކަމަށެވެ. އޭގެ ސަބަބުން އިޤްތިސާދުގެ ރައުސުލްމާލުން ބިދޭސީންނަށް ބައި އަޅަން ޖެހިފައިވާކަމަށާއި އެއީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.