މި ދައުރު ނިމުމުގެ ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައި، ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓު ދިނުމުގެ ހަފްލާ ޝަަރަފުވެރިކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ މިއަހަރު 7،000 ފްލެޓު ނިންމައި، އަންނަ އަހަރު 8،000 ފްލެޓު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ނަމަވެސް މިމަސައްކަތަކީ ދައުލަތުން ޚަރަދުކޮށްގެން ކުރާ މަސައްކަތަކަށް ނުވާތީ އެމަނިކުފާނު އެދޭ ބާރުމިނުގައި މަސައްކަތް ކުރިއަށް ނުގޮސް ހިނގައިދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުކިޔާކަން ފާހަގަކޮށް ރައީސް ޔާމީން ވަނީ އެވާހަކަ ދައްކާ ފަރާތްތަކަކީ މިމަސައްކަތް ކުރުމަށް ފަށައި ފެއިލް ވެފައިވާ ބައެއް ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާފައެވެ.
މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ދޫކުރި 661 ފްލެޓު ދޫކޮށްފައިވަނީ އިންސާފުން ނޫން ކަމަށް އާންމު ރައްޔިތުން އަންނަނީ ބުނަމުންނެވެ. ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމުނުކޮށް ފޯމު ނަމްބަރު ހިމެނޭ ލިސްޓެއް ސަރުކާރުން އާންމުކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ އެއީ މަކަރުވެރިކަމާއި އޮޅުވާލުން ފޮރުވުމަށްޓަކައި ކުރި ކަމެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.