މޮނިކޮން އަމުރުގެ ދަށުން ކުށްވެރިން މޮނިޓާކޮށް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަނެއްކާވެސް ކުށްވެރިންގެ ފައިގައި ޓެގު އަޅަން ނިންމައިފި އެވެ.
ހޯމް މިނިސްޓަރު އަޒްލީނާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމް މިނިސްޓްރީން އަންނަނީ ޓެގު އެޅުވުމަށް ކޯޓު އަމުރު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުގައި ހުންނެވިއިރު ފުރަތަމަ ޓެގު އަޅަން ފަށައި ފުލުހުން ވަނީ ތުހުމަތު ކުރެވޭ ކުށްވެރިން އުޅޭ ނޫޅޭ ބަލައި މޮނީޓާ ކުރަމުންނެވެ.
އަނެއްކާވެސް ޓެގު އެޅުމުގެ މަސައްކަތް ފުލުހުން ފަށާފައި މިވަނީ މާރާމާރީ އިތުރުވެ ހޮނިހިރު ދުވަހުގެ ރޭ ޒުވާނަކަށް ހަމަލާދީ މަރާލާފައިވަނިކޮށެވެ.

މުޖުތަމައަށް ނުރައްކާތެރި ކަމަށް ބެލެވޭ މީހުންގެ މައްޗަށް ކޯޓު މެދުވެރިކޮށް މޮނިކޮން އަމުރު ނެރެދިނުމުން ފުލުހުންނަށް އެމީހެއްގެ ފައިގައި ޓެގު އަޅުވައި، އޭނާ އުޅޭ ނޫޅޭ ގޮތް ބެލޭނެއެވެ. އަދި ވަކި ގަޑިތަކުގައި ގެއިން ބޭރަށް ނުނިކުމުމާއި ރަށުން ފުރައިގެން ނުދެވުމާއި ވަކި ސަރހައްދުތަކަށް ނުދެވުމުގެ އިތުރުން ފުލުހުންނަށް އޭނާގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
މިނިސްޓަރު އަޒްލީން ވިދާޅުވެފައިވަނީ ޓެގު އެޅުމުގެ މަސައްކަތް މިހަފްތާ ތެރޭ ފެށޭނެ ކަމަށެވެ.