މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މެމްބަރުންނަށް ނުވަދެވޭނެ ކަމަށް އަންގާފައިވަނިކޮށް ސިފައިންނާ ފުލުހުންގެ ސަފުތައް ފަޅާލައި، ގަދަކަމުން މަޖިލީހަށް މެމްބަރުން ވަން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.
އިދިކޮޅު 12 މެމްބަރަކާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ވަނީ 12 މެމްބަރުންނާއި ދެކޮޅަށްވެސް އުފުލާފައެވެ.
ދައުލަތުން ދައުވާ ކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިހް(އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނުގެ އިތުރުން ހިތަދޫ އުތުރު އަދި މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށެވެ.
މީގެ އިތުރުން އެދުވަހު މަޖިލިސް މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލިސް އިދާރާއަށް ވަން ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ މިދައުވާތަކާއެކު ސަރުކާރުން މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައެވެ.