ފެނަކަ ކޯޕަރޭޝަނަކީ ކަރަޕްޝަން ހާއްޔެކަމަށާއި، އަސާސީ ހިދްމަތް ދިނުމުގެ ނަމުގައި ރައްޔިތުން އަތުން ބޮޑު އަގުގައި ފައިސާ ނުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފި އެވެ.
ރޮޒެއިނާ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާކަން ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށާއި، މިފަދަ ކޮރަޕްޝަން އަމަލު ހިންގުމަށް ފައިސާ ހޯދުމަށް ބޭނުން ކުރާ ވަސީލަތަކީ ނިކަމެތި ރައްޔިތުން އަތުން އަސާސީ ހިދްމަތް ދިނުމުގެ ނަމުގައި ފެނާއި ކަރަންޓް ފޯރުކޮށްދިނުމަށް ނަގާ ބޮޑު ފީ ކަމަށެވެ.
އައްޑޫ ރައްޔިތުން އަތުން ފެނަށް މާލެއަށް ވުރެ ތިން ގުނަ ބޮޑުކޮށް މިއަދުން ފެށިގެން ޗާޖް ކުރަން ފެށުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ރޮޒެއިނާ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެނަކައިން ސަރުކާރުން އެކި ނަން ނަމުގައި ހުޅުވާ ފަންޑުތަކަށް ލާނެ ވަރަށް ފައިސާ ހުރުމާއި މަޖްލިސް މެމްބަރުން ބާއްވާ މުބާރާތްތަކަށް ހަދިޔާ ކުރާނެ ފައިސާ ހުރުމާއި ސަރުކާރުން ބާއްވާ އެކި ހަރަކާތްތައް ސްޕޮންސާ ކުރުމަށް ފައިސާ ހުންނަ ކަމަށެވެ.
އަދި މީގެ އިތުރުންވެސް ބޮޑުއަގުގައި ބައެއް ކުންފުނިތަކުން ތެޔޮ ގަތުމާއި، ފެނަކައިން ޑޮލަރު ގަންނަ ކުންފުންޏަށް ދޭނެ ކަމިޝަން ފައިސާ ހުރުމާއި، އެއްވެސް މަސައްކަތެއް ނުފަށަނީން އެކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި މަސައްކަތުގެ އަގުގެ 80 ޕަސެންޓް ފައިސާ ދެވޭނެ ވަރަށް ފެނަކައިގައި ފައިސާ ހުރުމަކީ އެކުންފުންޏަކީ ފައިސާ ގިނަ ކުންފުއްޏެއް ކަން ދޭހަވާ ކަމެއް ކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ ރައްޔިތުން އެއްވަރަކަށް ޓެކްސް ފައިސާ ދައްކަމުން އަންނަ އިރު މާލެއަށް ވުރެ ބޮޑުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދްމަތުން ނަގާ އަގު ކުޑަ ކުރުމަށް ރޮޒެއިނާ ވަނީ ގޮވާލައްވާފައެވެ.
އައްޑޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ފެނަކައިން މިހާރު ކަޑައަޅާފައިވާ އެންމެ ދަށް އަގަކީ ފެން ޓަނަަށް 65 ރުފިޔާއެވެ. މާލެއަށް ފެން ޓަނެއް ވިއްކަނީ 22 ރުފިޔާއަށެވެ.
ފެނުގެ އަގު މާލެއަށް ވުރެ ތިން ގުނަ ބޮޑުއިރު ކަރަންޓްގެ އަގުވެސް މާލެއަށް ވުރެ ބޮޑުތަނުން ބޮޑެވެ.