މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
މިގޮތުން ހުށަހަޅުއްވާ ފޯމްތައް ހުށަހެޅުއްވުމުގެ ފުރުޞަތު، ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މެއި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފަހަރު ފުރުޞަތު ހުޅުވާލި އިރު، އިނާމު ދޭ ދާއިރާތަކަށާއި ރޮނގުތަކުން އިނާމު ދިނުމުގައި މިހާތަނަށް ބަލަމުން ގެންދިޔަ ކަންކަމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި ފަހަރު ބަދަލެއް ގެނެސްފައި ނުވަނީ، އިނާމު ދިނުމުގެ އުޞޫލުތަކަށާއި ކަންކަމަށް މިދިޔަ އަހަރު މުހިންމު ބަދަލުތަކެއް ގެނެސްފައިވުމާ އެކު، އެ ބަދަލުތަކުން ލިބުނު ތަޖުރިބާތަކަށް ބަލާ އިރު، މި އަހަރު އިތުރު ބަދަލެއް ގެންނަން ޖެހޭ ކަމަށް ކޮމިޓީ އަށް ނުފެންނާތީއެވެ. އެހެން ނަމަވެސް އިނާމަށް އެދި ހުށަހަޅާ ފޯމަށް ބައެއް ބަދަލުވަނީ ގެނެސްފަ އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި، ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފަ އެވެ.
ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތް ފަދަ ތަންތަން، ޤައުމީ އިނާމަށް ހުށަހަޅުއް ވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.
ޤައުމީ އިނާމާ ބެހޭ މަޢުލޫމާތު ދެއްވައި ހޭލުންތެރިކަން އިތުރު ކުރުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ޚާއްޞަ ޕްރޮގްރާމްތަކެއް މި އަހަރު ވެސް ކުރިއަށް ގެންދިއުމަށް ޤައުމީ އިނާމު ކޮމިޓީންވަ ނީ ނިންމާފަ އެވެ.
ޤައުމީ އިނާމާ ބެހޭގޮތުން ޤައުމީ އިނާމު ކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދުވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މިކަމާބެހޭ ދެންނެވުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިއަދު ނެރުއްވާފައެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމްތައް ފޮނުވަން ޖެހެނީ "ޤައުމީ އިނާމާބެހޭ ކޮމިޓީ" އަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެންނެވެ.