ސްރީލަންކަން އެއާލައިންސްއިން ގަމާއި ކޮލަމްބޯ އާއި ދެމެދު ކުރާ ދަތުރުގެ ތެރެއިން އަންގާރަ ދުވަހުގެ ފްލައިޓް ޓްރެވިންޑްރަމްއަށް ދާ ޕަސިންޖަރުންނަށް ހާއްސަ ކޮށްގެން މެންދުރު ފަހަށް ބަދަލުކޮށްފިއެވެ.
ސްރީލަންކަން އެއާލައިންސްގެ ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓް އޭސް އޭވިއޭޝަނުން ބުނީ މިހާރު ހަފްތާއަކު ހަތަރު ދުވަހު ހެނދުނު ގަމުން ފުރާ ފްލައިޓްގެ ތެރެއިން އަންގާރަ ދުވަހު ފްލައިޓް މެންދުރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭސް އޭވިއޭޝަންގެ އޮފިޝަލް ވިދާޅުވީ އަންގާރަ ދުވަހު މެންދުރުފަހު 3:35 އިން ގަމުން ފުރާ ފްލައިޓާއި ކޮލަމްބޯ ޓްރެވިންޑްރަމް ފްލައިޓާއި މިހާރު ކަނެކްޓް ކުރެވިފައިވާ ކަމަށެވެ. މީގެ ކުރިން ގަމުން ޓްރެވިންޑްރަމްއަށް ދަތުރުކުރާ ޕެސިންޖަރުން 8 ގަޑިއިރު ވަރު ކޮލަމްބޯ އެއާޕޯޓްގައި މަޑު ކުރަންޖެހެއެވެ.
އޭސް ޓްރެވަލްސްއިން ބުނީ މިފަދަ ފްލައިޓެއް ބާއްވަން ފެށީ ފުވައްމުލަކުން އަންނަ ޕެސިންޖަރުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާތީ ކަމަށެވެ.
އެގޮތުން މިހާރު ގަމުން ޓްރެވިންޑްރަމްއަށް ފަސޭހަކަމާއި އެކު އެންމެ 307 ޑޮލަރަށް ދަތުރުކުރެވޭނެއެވެ.
މިދިޔަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްރީލަންކަންއިން ގަމާއި ކޮލަމްބޯ އާއި ދެމެދު ސީދާ ދަތުރު ފަށާފައިވާ އިރު އައްޑޫގެ ގިނަ މީހުން ބޭސް ފަރުވާއަށް މިހާރު ރާއްޖޭން ބޭރަށް ފުރަނީ ސްރީލަންކަން އެއާލައިންސުގައެވެ.