Last Updated: June 29, 13:19
Monday, June 29, 2026
މުނިފޫހިފިލުވުން

"އެމެރިކަން އައިޑޮލް" ގެ ދެވަނަ ޖަޖަކަށް ލޫކް ބްރަޔަން

އެމެރިކަން އައިޑޮލްގެ އާ ޝޯގެ ދެވަނަ ޖަޖަކަށް ކަންޓްރީ ލަވަކިޔުންތެރިޔާ ލޫކް ބްރާޔަން ހަމަޖައްސައިފި އެވެ.

15 ސީޒަނަށް ފަހު އެމެރިކަން އައިޑޮލްގެ ފުރަތަމަ ބައި ނިންމާލާފައިވާއިރު، އެ ޝޯގެ ދެވަނަ ބައި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އާ އެމެރިކަން އައިޑޮލްގެ ޖަޖުންގެ ޕެނެލަށް އެންމެ ފުރަތަމަ ހަމަޖައްސާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އެވެ. އަދި ކޭޓީ ޕެރީ އަށްފަހު ޝޯގެ ދެވަނަ ޖަޖަކަށް އުމުރުން 41 އަހަރުގެ ބްރާޔަން ހަމަޖައްސާފައިވާކަން ޝޯގެ ޕްރޮޑިއުސަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޝޯގެ ތިން ވަނަ ޖަޖަކަށް ހަމަޖައްސާނީ ކޮން ފަރާތެއްކަން އަދި ހާމަކޮށްފައި ނުވާއިރު، މަޢުލޫމާތު ލިބޭ ގޮތުގައި ކުރިއެކޭވެސް އެއްފަދައިން އާ އެމެރިކަން އައިޑޮލްގައި ވެސް ތިބޭނީ ޖުމްލަ ތިން ޖަޖުންނެވެ.

ޖަޖުންގެ ޕެނެލަށް އިތުރު ކުރެވޭނެ ތިންވަނަ ފަރާތަކީ ލަވަކިޔުންތެރިޔާ ޗާލީ ޕޫތު ނުވަތަ ކީތު އާރބަން ކަމަށްވުން އެކަށީގެން ވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެމެރިކަން އައިޑޮލްގެ ދެވަނަ ބައިގެ ފުރަތަމަ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު އެވެ.