ހިތަދޫ ޕޯޓް ލިމިޓެޑް އިން ހިންގާ ހިތަދޫ ސަރަހައްދީ ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ އަމިއްލަ ބޭނުމަށް ބަނދަރު ބޭނުންކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުންފުނީގެ ހުއްދަ ނެތި ހިތަދޫ ސަރަހައްދީ ބަނދަރަށް ދޯންޏަކުން މަސް ބާލާފައި ވަނީ ފާއިތުވި އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
ބަނދަރަށް ކައިރި ކުރި މަސް ދޯންޏަކީ، އެޗްޕީއެލްގެ ސީނިއަރ ލޭބަރެއްގެ ވަޒީފާ އަދާކުރާ މީހެއްގެ ރައްޓެއްސެއްގެ މަސް ދޯންޏެކެވެ. އެ ދޯނި ކައިރި ކުރުމަށް ފަހު އޭގައި ހުރި މަސްތައް ބަނދަރަށް ބޭލުމަށް ފަހު މަސް ކަނޑާފައި ވަނީ ވެސް ބަނދަރުގެ ބޭރު ތޮށި މަތީގައި ކަމަށް ވެއެވެ.
މި މައްސަލަ އެޗްޕީއެލްގެ އެޗްއާރްއެމްޑީ ކޮމިޓީން ބެލުމަށް ފަހު އެ ވަގުތު ސެކިއުރިޓީ އަށް ހުރި މުވައްޒަފުގެ އިތުރުން ސީނިއަރ ލޭބަރާއި މެދު ވަނީ ފިޔަވަޅު އަޅާފައެވެ.
އެޗްއާރްއެމްޑީ ކޮމިޓީން ފުރަތަމަ ނިންމީ ސީނިއަރ ލޭބަރު ވަޒީފާއިން ވަކިކުރުމަށާއި އަދި ސެކިއުރިޓީ އޮފިސަރަށް އެންމެ ފަހުގެ އިންޒާރު ދިނުމަށެވެ. އެހެން ނަމަވެސް އެޗްޕީއެލް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަންގަވައިގެން ސީނިއަރ ލޭބަރު ވަޒީފާއިން ވަކި ނުކުރުމަށް ނިންމާފައެވެ.
މޯޑްގެ އެންގެވުމުގެ މަތިން އެޗްއާރްއެމްޑީ ކޮމިޓީން ވަނީ ނިންމުން ބަދަލުކޮށް ސީނިއަރ ލޭބަރަށް ވެސް އެންމެ ފަހުގެ އިންޒާރުގެ ނޯޓިސް ދީފައެވެ.
މިކަމާއި ގުޅޭ ގޮތުން 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޯޑް ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން އެޗްއާރްއެމްޑީ ކޮމެޓީން މުވައްޒަފު ވަޒީފާއިން ވަކި ކުރަން ނިންމި ނަމަވެސް އެކަން އިތުރަށް ދިރާސާ ކުރުމަށްފަހު މުވައްޒަފާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
މޯޑް ވިދާޅުވީ އެ މުވައްޒަފަށް ނަސޭހަތް ދިނުމަށްފަހު ސަސްޕެންޑް ވެސް ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ މައްސަލައިގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑް ކޮށްފައެއް ނުވެއެވެ.