Last Updated: June 19, 18:13
Friday, June 19, 2026
ކުޅިވަރު

އާސެނަލް ވެސްޓް ބްރޮމް ބަލިކޮށްފި

getty

ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަދި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު 0-2 އިން އާސެނަލް ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދެ ގޯލުވެސް މިސީޒަނުގައި ޓީމާއި އަލަށް ގުޅުނު ފްރާންސުގެ އެލެކްސެންޑަ ލަކަޒެޓްގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ސަންޗޭޒް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑީގައި ޖެހި ކުޅުމުގެ ތެރެއަށް އައުމުން ގޯލު ތެރެއަށް ފޮނުވާލައިގެން ލަކަޒެޓް ވަނީ ލީޑު ނަގާފައެވެ.

ދެވަނަ ހާފުގެ ކޮންޓްރޯލް އާސެނަލް އިން ނަގާފައިވާއިރު މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލާފައިވަނީ ފުރަތަމަ ގޯލުވެސް ޖެހި ލަކަޒެޓްއެވެ.

މިމޮޅާއެކު އާސެނަލް ވަނީ ތާވަލުގެ 12 ވަނައިގައި އޮތުމަށްފަހު 7 ވަނަ އަށް ޖެހިލާފައެވެ. ތާވަލުގެ ފުރަތަމަ ތިނެއްގައި ސިޓީ، ޔުނައިޓެޑު އަދި ޗެލްސީ އޮތްއިރު 4 ވަނަ އަދި 5 ވަނަ ޓޮޓެންހަމް އަދި ލިވަޕޫލް ވަނީ ނަގާފައެވެ. އަންނަ ހަފްތާގައި ޗެލްސީ އާއި ސިޓީ ބައްދަލުކުރާއިރު ޗެލްސީއަށް ސިޓީ ބަލި ކުރެވިއްޖެނަމަ ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.