Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރާއްޖެ ބަދުނާމު ކުރުމުން ގެއްލުން ވާނީ ރައްޔިތުންނަށް: ރައީސް

އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަށް ރާއްޖެ ބަދުނާމުކުރުމުން ހުރިހާ ގެއްލުމެއް ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެކަން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައިފިއެވެ.

ގ.އ އަތޮޅުގެ ކޫއްޑޫގައި "މާކިއޯ ކޫއްޑޫ ހޮޓެލް" ހުޅުވައިދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޔާމީން އެރަށަށް ވަޑައިގެން އެހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ކޮންމެ ގައުމެއްވެސް ކުރިއަރަން ފެށުމުން އެކަމާ ހަސަދަވެރިވާ ބަޔަކު އުޅޭނެ ކަމަށެވެ. ރާއްޖެއަށްވެސް އެމައްސަލަ ދިމާވެފައިވާ ކަމަށާއި، ދިވެހިންގެ ތެރެއިން ބަޔަކާއި ބޭރުގެ ބަޔަކު ރާއްޖޭގެ ތަސައްވަރު ގޯސް ކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ރާއްޖެފަދަ ޓޫރިޒަމް ދާއިރާއާ އިގްތިސޯދު ގުޅިފައި އޮންނަ ގައުމެއްގައި، އެއްވެސް އިންސާފެއް ނެތި އެފަދަ ވާހަކަ ދައްކައި ގައުމު ބަދުނާމުކުރުމަކީ އެއްވެސް ކަހަލަ އިޚްލާސްތެރިކަމެއް ނެތި ކުރާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީ ހައްދުފަހަނަޅާފައިވާ މީހުން ތަމްރީނުކުރާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އަންނަނީ ސިފަކުރަމުން ކަމަށާއި ގައުމަށް ހެޔޮއެދޭ ބަޔަކު މިފަދަ ކަމެއް ވުމަށް މަގުފަހި ނުކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.