Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

"ތަރައްގީގެ ޕްރޮޖެކްޓްތަކުން ހަނދާން ވަނީ ކޮރަޕްޝަން"

ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ކޮންމެ ތަރައްގީގެ ޕްރޮޖެކްޓަކުން ހަނދާނަށް އަންނަނީ ކޮރަޕްޝަނާއި ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރޭ އަލީ ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ތޯމާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިދިނުމު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލައި މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ވަނީ މިހާތަނަށް ފެންމަތިވެފައެވެ.

އޭގެތެރެއިން އެންމެ ބޮޑު މައްސަލައަކަށް ފެންމަތިވެފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު މަގާމުގައި ހުންނެވިއިރު އެމްއެމްޕީއާރްސީ އިން ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ބޭންކު އެކައުންޓުތަކަށް ނެގި މައްސަލައެވެ. އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި ޖަލަށް ހުކުމްކޮށްފައިވާއިރު އަދީބު ވަނީ އެފައިސާއަށް ވީނުވީއެއް އެނގޭނީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެފައެވެ.

ދާދި ފަހުން އޮޑިޓާ ޖެނެރަލް ނެރުއްވި ފެނަކަ 2014-15 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވެސް އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލާފައިވެއެވެ. އެގޮތުން ތެޔޮ ގަތުމާއި، ޑޮލަރުގެ މުއާމަލާތްތަކާއި މުދާ ގަތުމުގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އޭރު ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލް ވަނީ މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައެވެ.

ރޭ ރައީސް ޔާމީންގެ ވާހަކަފުޅުގައި ރާއްޖެ ބަދުނާމުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެގޮތަށް ކަންކުރުމުން އޭގެ ނޭދެވޭ އަސަރުކުރާނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމަށާއި ދިވެހި ސަރުކާރަށް ނޫން ކަމަށް ރައީސްގެ ވާހަކަފުޅުގައި އިތުރުކޮށްފައިވެއެވެ.

ރޭ ހުޅުވުނު ރިސޯޓުގެ ސަބަބުން ގ.އ އަތޮޅުގައި އެއް ހާސް އިތުރު ވަޒީފާ އުފެދިގެންދާނެ ކަމަށާއި މިއީ އެއަތޮޅުގެ އާއިލާތަކަށް ލިބުނު ނިއުމަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.