ރައީސް އަބްދުﷲ ޔާމީން ގ.އ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެރަށު އިދިކޮޅު ފަރާތްތަކުން އިސްވެ ސަރުކާރާއި ދެކޮޅަށް ދެމި ބެނާތައް އެރަށު ޕީޕީއެމް ސަޕޯޓަރުން ނަގައިފިއެވެ.
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނަކީ ވިލިނގިލީގެ "ހީރޯ" ކަމަށްބުނެ އެރަށުގައި ވަނީ ގިނަ އަދަދެއްގެ ޕޯސްޓަރުވެސް ހަރުކޮށްފައެވެ. އަދި ގާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް ހުރަސް ނޭޅުމަށާއި ރައީސް ނަޝީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިނިވަން ކުރުމަށް ގޮވާލައި ޕޯސްޓަރާއި ބެނާ ރަށު ރައްޔިތުން ވަނީ ހަދާފައެވެ.
މިއަދު ހަވީރު ރައީސް ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ޕީޕީއެމް ސަޕޯޓަރުން ވަނީ މިހާރު ރައީސް ޔާމީނާއި ސަރުކާރާއި ދެކޮޅަށް ދަމާފައިހުރި ބެނާތައް ނަގާފައެވެ.
ވިލިނގިލި ކައުންސިލް މެމްބަރަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދެމި ބެނާތައް ނެގުމުގައި ހަރަކާތްތެރިވެފައިވަނީ އެރަށު ފެނަކަ ކޯޕަރޭޝަނުގެ މުވައްޒިފުންނާ ބިދޭސީންތަކެކެވެ. އަދި އެރަށު ޕީޕީއެމްގެ ސަޕޯޓަރުންވެސް އެކަންކުރުމުގައި ބައިވެރިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.